ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ދެކަނބަލުންނަށް ޗައިނާ އަށް ކުރެއްވި ފުރަންމާނަ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުން 130 މިލިއަން ޔޫއެސް ޑޮލަރުގެ ހިލޭ އެހީވަނީ ހަމަޖެހިފައިކަމަށް ރައީސް މުޢިއްޒު މިއަދު ވިދާާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، މި މަހު 7 ވަނަ ދުވަހު ރައީސްގެ ދެކަނބަލުން، ސަރުކާރުގެ މަތީ ފަންތީގެ ވަފުދަކާއެކު ޗައިނާ އަށް ފެއްޓެވި މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
ޗައިނާގެ ރައީސް ޝީގެ ދައުވަތަކަށް ކުރެއްވި މި ދަތުރުފުޅާއިގުޅޭގޮތުން މައުލޫމާތުދެއްވަން ފައްޓަވަމުން ރައީސް ވަނީ މި ދަތުރުފުޅަކީ އެމަނިކުފާނުގެ ފުރަތަމަ ފުރަންމާނަ ދަތުރުފުޅުކަން ފާހަގަކުރައްވާފައެވެ. އަދި މިއީ ރައީސް ޝީ ބޭރުޤައުމެއްގެ ވެރިއަކަށް ޗައިނާ އަށް ވަޑައިގަންނަވަން މިއަހަރު ދެއްވި ފުރަތަމަ ދަޢުވަތުންކަމާއި، އެެއީ ޤައުމަށް ލިބިގެންދިޔަ ފަޚުރެއްގެގޮތުގައި އެމަނިކުފާނު ވަނީ ސިފަކުރައްވާފައެވެ.
މި ދަތުރުފުޅުގައި ރާއްޖެ-ޗައިނާ ދެމެދުގައި ބޭއްވު ރަސްމީ ވާހަކަތަކަށްފަހު، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން 20 އެއްބަސްވުމެއް ހެދިގެންދިޔަކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
''އެކި އެއްބަސްވުންތައް ހެދިގެން ދިޔަ، މިގޮތުން 920 މިލިއަން ޗައިނާ ފައިސާ، އެއީ ގާތްގަނޑަކަށް 130 ޔޫއެސް ޑޮލަރުގެ ހިލޭ ވަނީ ހަމަޖެހިފައި އަޅުގަނޑުމެން ކަނޑައަޅާ އެކި މަޝްރޫޢުތަކަށް ހޭދަކުރަން،'' ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވިގޮތުގައި މި ފައިސާއިން އެންމެ ބޮޑު މިންވަރެއް ޚަރަދު ކުރުމަށް ނިންމާފައި ވަނީ މާލޭގެ މަގުތައް ހެދުމަށެވެ.
''މީގެ އިތުރުން ވެސް ގިނަ ކަންތައްތަކެއް މިފައިސާއިން ކަވަރ ވެގެންދާންދާނެ'' ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!