މާލެ ސިޓީގެ ތަރައްގީއަށްޓަކައި ސަރުކާރުގެ ވިސްނުމުގައި ސަރުކާރާއެއް ފިކުރެއްގައި މަސައްކަތްކުރާ ކެންޑިޑޭޓުން ހޮވައިދިނުމަށް ރައީސް ޑރ. މުޢިއްޒު އެދިވަޑައިގެންފިއެވެ.
ރައީސް މިގޮތަށް އެދިވަޑައިގަތީ ސަންގު ޓީވީން ރޭ ގެނެސްދިން ''އާސްކް އާޒިމާ'' ޕްރޮގާމަށް ފޯނުން ދެއްވި ބަސްދީގަތުމެއްގައެވެ.
ޗައިނާގެ ބެއިޖިންގައި ހުންނަވައި އެ ޕްރޮގްރާމްގައި ފޯނު މެދުވެރިކޮށް ބައިވެރިވެވަޑައިގަންނަވަމުން ރައީސް ވިދާޅުވީ، ޗައިނާގެ ދަތުރުން މާލޭގެ ރައްޔިތުންނަށް ޖުމްލަކޮށް މުޅިރާއްޖޭގެ ރައްޔިތުންނަށް ވަރަށް ފައިދާހުރި ވަރަށް ގިނަ ކަންތައްތަކެއް ވަނީ މަގުފަހުވެފައި ކަމަށެވެ.
މާލޭގެ ރައްޔިތުންނަށް ވަރަށް މުހިންމުވެފައިވާ ބޯހިޔާވަހިކަމާއި، މަގުތަކުގެ މައްސަލަފަދަ މާލޭ ސިޓީގެ ރައްޔިތުންނަށް ބޭނުންޖެހިފައިވާ ވަރަށް ގިނަ ކަންކަން ހައްލުކުރުމަށް ޗައިނާ ދަތުރުން މަގުފަހިވެގެން ގޮސްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
''މާލެއަށް ބަލާއިރު މާލެ ރައްޔިތުންނަށް ވަރަށް މުހިންމުކަންކަން މީ ހައުސިން އަދި މަގު ހެދުން ކަހަލަ ކަންތައްތައް، މިކަހަލަ ވަރަށް ގިނަ ކަންތައްތައް އިރާދަކުރެއްވިއްޔާ ވަރަށް މަގުފަހިވެފައި ވަނީ، ރަސްމާލެ ހިއްކުމުގެ ދަށުން އެތާނގައި ގެދޮރު ބިނާކުރުމާއި މާލޭގެ މަގުތައް ހެދުމާއި މިހެން ގޮސް ވަރަށް ގިނަ ކަންތައްތައް،'' ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މާލެ ސިޓީގެ މަޝްރޫޢުތައް ކުރިއަށް ގެންދަން ސަރުކާރުން ބޭނުންވަނީ ރައްޔިތުންނާއި ގުޅިގެން، ލާމަރުކަޒީ ނިޒާމުގެ ތެރެއިން މާލޭގެ މޭޔަރާއި މާލެ ސިޓީގެ ކައުންސިލަރުން މެދުވެރިކޮށް ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ވިސްނުމުގައި، ސަރުކާރަށް އެއްބާރުލުންދޭނެ ބޭފުޅުން ހޮނިހިރު ދުވަހު އޮންނަ ބައި އިލެކްޝަންގައި އިންތިޚާބުކޮށްދޭން ރައީސް އެދިވަޑައިގަތެވެ.
''ދަންނަވާލަން މިއުޅޭވާހަކައަކީ މިކަހަލަ ގިނަ ކަންތައްތަކެއް އަޅުގަނޑުމެން ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވަނީ ރައްޔިތުންނާއި ގުޅިގެން ރައްޔިތުން އިންތިޚާބުކޮށްފައިތިބި މޭޔަރުންނާއި ކައުންސިލަރުން މެދުވެރިކޮށް މާލެއަށް ކަންތައްތައް ފޯރުކޮށްދޭން ލާމަރުކަޒީ ނިޒާމްގެ ތެރެއިންނޭ، އެހެންވީމަ ސަރުކާރުގެ ވިސްނުމުގައި ސަރުކާރަށް މިކަހަލަކަންކަމުގައި އެއްބާރުލުންދޭނެ، ސަރުކާރުގެ މަސައްކަތްކޮށްދޭނެ ވިސްނުމުގެ، ރައްޔިތުންނާއެކު މަސައްކަތްކުރާނެ ބޭފުޅަކު މޭޔަރުކަމަށް އަދި ދެން އޮތް ތިންދާއިރާގެ ވެސް ގޮނޑިއަށް އެ ވިސްނުމުގެ ބޭފުޅުން ހޮވުމަކީ އިރާދަކުރެއްވިއްޔާ އެންމެ ރަނގަޅު ގޮތަށޭވާނީ،'' ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށްޓަކައި ކޮށްދޭން ބޭނުންވާކަންކަން ރަނގަޅުނޫންކަމަށްބުނެ، އެކަމާ ދެކޮޅުހަދާ ވިސްނުމުގެ ޕާޓީއެއްގެ މޭޔަރާއި ކައުންސިލަރުން ހޮވުމަކީ އެންމެ ބުއްދިވެރިގޮތެއްނޫނެވެ.
''އެހެންނޫނޭ ރައްޔިތުންނަށްޓަކައި ސަރުކާރުން ހިންގަން އުޅޭ މަޝްރޫޢުތަކަކީ ރަނގަޅު މަޝްރޫޢޫތަކެއްނޫނޭ ބުނެ ތިމަންނަމަން އެކަމާ ދެކޮޅު ހަދާނަމޭ، ރައްޔިތުންނަށް މިކަންކަމުގައި ފައިދާއެއްނުވާނޭ، މި ވިސްނުމުގައި މަސައްކަތްކުރާ ޕާޓީ ބޭފުޅުން މިވަގުތު މާލޭގެ ރައްޔިތުން އިޚްތިޔާރު ކުރުމަކީ ރަނގަޅު ޗޮއިސް އަކަށް ބުއްދިވެރިގޮތަކަށްވާނެ ކަމަކަށް އަޅުގަނޑަކަށް ޤަބޫލެއްނުކުރެވޭ،'' ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!