ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަންމާނަ ދަތުރުފުޅާއެކު ޗައިނާ އާއި ދިވެހިރާއްޖޭގެ ދެމެދުގައި އޮންނަ ސިޔާސީ ގުޅުމުގެ އައު ބާބެއް ފެށިގެންދާނެ ކަމަކަށް ޔަޤީންކުރައްވާކަމުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެއެވެ.
ރައީސް ޝީ މިހެން ވިދާޅުވީ، މިއަދު ރާއްޖެ-ޗައިނާ ދެ ޤައުމުގެ ދެމެދުގައި ކުރިއަށް ގެންދިޔަ ރަސްމީވާހަކަތަކުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ޗައިނާގެ ވެރިރަށް ބެއިޖިން ގެ ގްރޭޓް ހޯލް އޮފް ޕީޕަލް ކުރިއަށް ގެންދިޔަ މި ރަސްމީވާހަކަތަކުގައި ރައީސް ޝީ ވަނީ ރިޔާސީ އިންތިޚާބުގައި ރައީސް ޑރ. މުޢިއްޒު ހޯއްދެވި ކާމިޔާބަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ރައީސްގެ މި ދަތުރުފުޅާއެކު ޗައިނާ އާއި ދިވެހިރާއްޖޭގެ ދެމެދުގައި އޮންނަ ސިޔާސީ ގުޅުމުގެ އައު ބާބެއް ފެށިގެންދާނެ ކަމަކަށް ޔަޤީންކުރައްވާކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން ނޫ އިޤްތިޞާދާއި ފެހި އިޤްތިޞާދުގެ އިތުރުން ޑިޖިޓަލް އިޤްތިޞާދު ހިމެނޭހެން ތަފާތު ދާއިރާތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އުއްމީދުކުރައްވާކަމަށް ވެސް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ދެއްކެވިވާހަކަފުޅުގައި ދިވެހިރާއްޖޭގެ އިޤްތިޞާދު ކުރިއެރުމުގައި ޗައިނާއިން މުހިންމު ދައުރެއް އަދާކުރާކަން ފާހަގަކުރައްވައި ޗައިނާގެ ރައީސަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި، ވޭތުވެދިޔަ އަހަރުތަކުގައި އެ ޤައުމުގެ ދީލަތި އެހީ އެކި ދާއިރާތަކުން ރާއްޖެއަށް ލިބިފައިވާކަން ވެސް ފާހަގަކުރެއްވިއެވެ. މިގޮތުން ބޯހިޔާވަހިކަމާއި، ތަޢުލީމީ ދާއިރާއާއި އުމްރާނީ ތަރައްޤީގައި ލިބިފައިވާ އެހީ ރައީސް ވަނީ ވަކިން ޚާއްޞަކޮށް ފާހަގަކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!