ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ދެކަނބަލުންނަށް ޗައިނާގެ ރައީސް ޝީ ޖިންގްޕިންގެ ދެކަނބަލުން ރަސްމީކޮށް މަރުޙަބާ ދަންނަވައިފިއެވެ.

މި މަހު 7 ވަނަ ދުވަހު ރައީސްގެ ދެކަނބަލުން، ސަރުކާރުގެ މަތީ ފަންތީގެ ވަފުދަކާއެކު ޗައިނާ އަށް ފެއްޓެވި މި ދަތުރުފުޅަކީ އެ ޤައުމުގެ ރައީސް ޝީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

Ad
rt

ރައީސް މި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަތީ އެ ގައުމުގެ ފޫޖޯ އަށެވެ. އަދި އެރަށުގައި އޮތް އިންވެސްޓް މޯލްޑިވްސް ފޯރަމްގައި ރައީސް ވަނީ ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން އެ ޤައުމުގެ ބޮޑެތި އިންވެސްޓްމަންޓް ކުންފުނިތަކުގެ ވެރިންނާ ވެސް ބައްދަލުކުރެއްވުންތައް ކުރިއަށް ގެންދެވިއެވެ.

އެ އަށްފަހު ވެރިރަށް ބޭޖިން އަށް ވަޑައިގަތީ ރޭގެ ވަގުތެއްގައެވެ.

ރައީސްގެ މި ދަތުރުފުޅުގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ރަސްމީ ވާހަކަފުޅުތައް ވެސް ބާއްވާނެއެވެ. މިގޮތުން ދެ ޤައުމުގެ ދެމެދު ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާއި، ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމާއި، އިޖުތިމާއީ، އިޤުތިޞާދީ އަދި ޓެކްނޮލޮޖީގެ އިތުރުން ވެސް އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމު އެއްބަސްވުންތައް ވެސް ބަދަލުކުރާނެއެވެ.

މިއީ ރައީސް ޑރ. މުޢިއްޒު، 17 ނޮވެމްބަރ 2023 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ކުރައްވާ ފުރަމާނަ ދަތުރުފުޅެވެ.

ރައީސްގެ މި ދަތުރުފުޅު ނިންމަވާލައްވަން ހަމަޖެހިފައި ވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ.