އިހަވަންދިއްޕޮޅު މަޝްރޫޢު ހިމެނޭހެން ބޮޑެތި ބައެއް މަޝްރޫޢޫތަކަށް އިންވެސްޓަރުން ހޯދުމުގެ ޝައުގުވެރިކަން ރާއްޖެއިން ފާޅުކޮށްފިއެވެ.

ރާއްޖެއިން މި ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ ޗައިނާގެ ފޫ ޖޮއު ސްޓްރެއިޓް އިންޓަރނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގައި އިއްޔެ ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމުގައެވެ.

Ad
rt

މި ފޯރަމުގައި ވަނީ ރާއްޖޭގައި މިހާރު ވެސް އިންވެސްޓުކޮށްފައިވާ ޗައިނާގެ ކުންފުނިތަކާއި އެ ޤައުމުގައި އިންވެސްޓުކުރާ އެޤައުމުގެ އިންވެސްޓަރުން ހިމެނޭހެން ބޮޑެތި އިންވެސްޓަރުން ބައިވެރިވެފައެވެ.

މި ފޯރަމްގައި ރާއްޖެއިން އިންވެސްޓަރުން ހޯދުމުގެ ޝައުގުވެރިކަން ފާޅުކުރި މަޝްރޫޢުތަކުގެ ތެރޭގައި އިހަވަންދިއްޕޮޅު ތަރައްޤީކުރުމުގެ އިތުރުން އައްޑޫ ބްރިޖު މަޝްރޫޢޫއާއި އަދި ކާޑެއްދޫއާއި ތިނަދޫ ގުޅުވާލުމުގެ މަޝްރޫޢު ހިމެނެއެވެ.

މީގެ އިތުރުން އިއާދަކުރަނިވި ހަކަތައިގެ ދާއިރާއާއި، ދަތުރުފަތުރުގެ ދާއިރާގެ މަޝްރޫޢޫތައް ވެސް ހިމެނެއެވެ.

މި ސަރުކާރުން ވަނީ އިހަވަންދިއްޕޮޅުގައި އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޕްރޮޖެކުޓެއް ހިންގާނެކަން ޢިއުލާންކޮށްފައެވެ. އިގްތިސޯދާބެހޭ ވަޒީރު މުހައްމަދު ސައީދު 27 ނޮވެމްބަރު 2023 ގައި ވަނީ މި މަޝްރޫޢު ވަރަށް އަވަހަށް އިއުލާންކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. ނަމަވެސް އެ މަޝްރޫޢުގެ ތަފްސީލެއް އަދި ހާމައެއް ނުކުރައެއްވައެވެ.

ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމްގެ ވެރިކަމުގައި ވެސް ''އައިހެވަން''ގެ ނަމުގައި އިހަވަންދިއްޕޮޅުގައި ބިޔަ މަޝްރޫޢެއް ހިންގާނެކަމަށް ޢިއުލާންކުރިއެވެ. އަދި އެ މަޝްރޫޢު ހިންގުމަށް ޚާއްޞަ އިކޮނޮމިކް ޒޯނަކަށް އެތަން ހެދުމަށް އެއްރެއިން ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނެއް ވެސް އޭރުގެ މަޖިލީހުން ފާސްކުރިއެވެ. ނަމަވެސް ވެރިކަމުގެ ދައުރު ނިމުނު އިރުވެސް މި މަޝްރޫޢު ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

އިހަވަންދިއްޕޮޅުގައި ބަންކަރިން ފެސިލިޓީ ގާއިމުކުރުމަށް ހެދި އެއްބަސްވުން ރިވިއު ކުރަނީ

އޭގެ ފަހުން އައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ވެސް އެ ސަރަޙައްދު ތަރައްޤީކުރުން އެ ސަރުކާރުގެ ޕްލޭންގައި ވެސް ހިމަނައި އިހަވަންދިއްޕޮޅުގައި ހިންގަން ޕްލޭން ކުރި ޕޯޓް ސިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ބަންކަރިން ފެސިލިޓީއެއް ގާއިމް ކުރުމަށް 11 އޯގަސްޓް 2023 ގައި އެސްޓީއޯގެ ފަރާތުން މެދުއިރުމަތީގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ގަތަރުގެ އާބަކޮން ޓްރޭޑިންގް އެންޑް ކޮންޓްރެކްޓިންގްއާއި ހަވާލުކުރިއެވެ.

އެ ސަރުކާރުން އިހަވަންދިއްޕޮޅުގައި ތަރައްގީ ކުރުމަށް ރާވާފައިވާ ޕޯޓް ސިޓީގެ އެންމެ މުހިންމު އެއް ބަޔަކީ ތެލުގެ ގައުމީ ސްޓްރެޓެޖިކް ރިޒާވެއް ހެދުމާއި އިންޓަނޭޝަނަލް ބަންކަރިންގްގެ ހިދުމަތް ފެށުމެވެ. ނަމަވެސް ދައުރު ނިމުނު އިރުވެސް މިކަމުގައި އަމަލީ ސިފައެއް ނުޖެހެއެވެ. އެ މަޝްރޫއު ހުއްޓާ ނުލި ނަމަވެސް އެއްބަސްވުން ރިވިއު ކުރަން ނިންމާފައިވާ ކަމަށް މި ސަރުކާރުގެ އިގްތިސޯދާބެހޭ ވަޒީރު މުހައްމަދު ސައީދު 12 ޑިސެމްބަރު 2023 ގައި ވަނީ ވިދާޅުވެފައެވެ.