ހުޅުމާލޭގައި ހަތް އިމާރާތް ހިމެނޭ ގޮތަށް "ބިލްޑިން ސްޕައިން" ނުވަތަ ވިޔަފާރި މަރުކަޒެއް އެޅުމަށް ޗައިނާގެ ހުނާން ކޮންސްޓްރަކްޝަން އިންވެސްޓްމަންޓް ގުރޫޕާ މިއަދު ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި އާބަންކޯގެ ފަރާތުން ސޮއި ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާ އެކުގައި ޗައިނާ އަށް ވަޑައިގެން އުޅުއްވާ ވަފްދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ. ހުޅުމާލޭގެ ޓޫރިޒަމް ޒޯނުގެ ގޮތުގައި ތަރައްގީ ކުރާ "އާބަން އައިލް" ގައި ވިޔަފާރިތަކަށް ހާއްސަކޮށް އިމާރާތްތަކެއް ވަނީ ޕްލޭންކޮށްފައެވެ. ސޮއިކުރި މަޝްރޫއަކީ ރާއްޖޭގައި ތަރައްގީ ކުރެވޭ މިފަދަ އެންމެ ބޮޑު މަރުކަޒަށް ވާނެއެވެ.

Ad
rt

އިންޓަރގްރޭޓެޑް އާބަން ޓޫރިޒަމް ޕްރޮޖެކްޓް "އާބަން އައިލް"ގެ ދަށުން މަޝްރޫއު ކުރިއަށް ގެންދާ އިރު، މި މަޝްރޫއަށް 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) ހަރަދުވެއެވެ.

މި މަޝްރޫއުގެ ދަށުން ހަތް އިމާރާތް ގުޅުވައިގެން ހަދާއިރު، އެތަންތަން ތަރައްގީ ކުރަނީ ޓޫރިޒަމް ބުޓީކްތަކާއި، ހޮޓެލްތަކާއި، ރީޓެއިލް ފިހާރަތަކާއި ވެލްނެސް ހިދުމަތްތަކާއި މުނިފޫހިފިލުވުމުގެ ހިދުމަތް ދޭ ތަންތަނާއި ބޭންކިން ހިދުމަތްތައް ލިބޭ ގޮތަށެވެ.

އިންޓަރގްރޭޓެޑް އާބަން ޓޫރިޒަމް ޕްރޮޖެކްޓް "އާބަން އައިލް"ގެ ދަށުން ފަތުރުވެރިންނަށް ހާއްސަ ތަފާތު ގިނަ އެކޮމޮޑޭޝަން ފެސިލިޓީތައް ހިމެނޭނެއެވެ. ކުރުމުއްދަތަކަށް ނުވަތަ ޓްރާންސިޓްކޮން މަޑުކުރާ ފަތުރުވެރިންނަށާއި، ވިޔަފާރި ކަންކަމު އަންނަ ފަތުރުވެރިން މަޑުކޮށްލުމަށް އެކޮމޮޑޭޝަންތަކެއް ތަރައްގީ ކުރުމަށް ހަމަޖެހިފައިވެއެވެ.

މީގެ ތެރޭގައި ލަގްޒަރީ ވިލާ، ސާވިސް އެޕާޓްމަންޓް، ސިޓީ ހޮޓެލް، މިޑްސްކޭލް އަދި އަޕްސްކޭލް ހޮޓެލް އާއި ގެސްޓް ހައުސްތަކުގެ އިތުރުން ބްރޭންޑަޑް ރީޓެއިލް އަދި މަތީ ފަންތިއެއްގެ ރެސްޓޯރަންޓްތައް ވެސް ހުންނާނެއެވެ.