ދިވެހި ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީޑިއާތަކަށް ހާއްސަ މީޑިއާާ ވިލެޖު ހުޅުމާލޭގައި ގާއިމުކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސް މިގޮތައް ނިންމަވާފައި ވަނީ، ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވަޒީރުންގެ މަޖިލީހަށް ހުށަހެޅި ކަރުދާކަށް މަޝްވަރާ ކުރެއްވުމަށްފަހު، ވަޒީރުންގެ ލަފަޔާއެކު އިއްޔެ އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ.

Ad
rt

މީޑިޔާ ވިލެޖުގެ ނަމުގައި ހުޅުމާލޭގައި ތަނެއް ގާއިމުކުރުމަށް ނިންމަވައި، މީޑިއާ ވިލެޖްގެ އިމާރާތް އެޅުމަށް ބޭނުންވާ ފައިސާ ހޯދުމަށް ދަޢުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން ބިޒްނަސް ސެންޓަރު ކޯޕަރޭޝަން ލިމިޓެޑް ނުވަތަ ސަރުކާރުގެ އެހެން ކުންފުންޏަކާ ހަވާލުކޮށްގެން އެކަން ކުރެވޭނެގޮތް ބެލުމަށް ރައީސް ވަނީ ނިންމަވާފައެވެ.

މިގޮތަށް ބިޒްނަސް ސެންޓަރު ކޯޕަރޭޝަން ލިމިޓެޑް ނުވަތަ ސަރުކާރުގެ އެހެން ކުންފުންޏަކާ ހަވާލުކޮށްގެން އެކަން ނުކުރެވޭނަމަ ކޮންޓްރެކްޓަރު ފައިނޭންސް މޮޑެލްގެ ދަށުން މި އިމާރާތް އެޅުމަށް ގޮތެއް ހޯދުމަށް ވެސް ރައީސް ވަނީ ނިންމަވާފައެވެ.

ދިވެހި ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީޑިއާތަކަށް ހާއްސަ މީޑިއާާ ވިލެޖެއް ތަރައްގީކޮށްދެއްވާނެ ކަން ރައީސް މުޢިއްޒު ޢިއުލާން ކުރައްވާފައި ވަނީ 13 ނޮވެމްބަރު 2023ގައި ރާއްޖޭގެ ނޫސްވެރިންނާއެކު އެރޭ މާލޭ ސޯސަލް ސެންޓަރުގައި ބޭއްވި ''ނޫސްވެރިންގެ ގުންޒަރު'' ބައްދަލުވުމުގައެވެ.

''އަޅުގަނޑުމެން މަސައްކަތްކުރާނީ ކުރިއަށް އޮތްތަނުގައި ގްރޭޓަރ މާލޭ ރީޖަންގައި މީޑިއާތަކަށް ޚާއްސަ މީޑިއާ ކްލަބެއް، މީޑިއާ ވިލެޖެއް ޤާއިމުކުރަން، މީޑިއާ ވިލެޖެއް އިރާދަކުރެއްވިއްޔާ ގާއިމްކުރުމުގެ ކޮންސެޕްޓުގެ ތެރެއިން އިރާދަކުރެއްވިއްޔާ އެ ކަމަށް މަގުފަހިކުރާނަން'' ޑރ. މުޢިއްޒު އެރޭ ވިދާޅުވެފަވެއެވެ.