ސަރުކާރުން އަޅާ ސޯޝަލް ހައުސިންތަކުގެ އިންސައްތައެއް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހި މަސައްކަތްތެރިންނަށް ޚާއްސަކޮށް ކަނޑައެޅުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސް މިގޮތައް ނިންމެވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހުށަހެޅި ކަރުދާހަކަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހު، ވަޒީރުންގެލަފާ ހޯއްދެވުމަށްފަހުއެވެ.

Ad
rt

މިގޮތުން މި ކަރުދާހާމެދު މަޝްވަރާ ހިންގެވުމަށްފަހު ރައީސް ވަނީ ސަރުކާރުން ތަރައްޤީކުރުމަށް ނިންމާފައިވާ އާބަން ސެންޓަރުތަކާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގާ ސޯޝަލް ހައުސިން މަޝްރޫޢުތަކުގެ ތެރެއިން ވަކި އިންސައްތައެއް ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ދިވެހި މުވައްޒަފުންނަށް ޚާއްޞަ ކުރުމަށް ނިންމަވާފައެވެ.

މީގެ އިތުރުން އެކި ސަރަހައްދުތަކުގައި ކައުންސިލް ހައުސިން މަޝްރޫޢުތައް ކުރިއަށް ގެންދާނަމަ، އެ މަޝްރޫޢުތަކުގެ ވަކި އިންސައްތައެއް ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާ އަދާކުރާ ދިވެހި މުވައްޒަފުންނަށް ޚާއްޞަކޮށް، އެ ސަރަހައްދެއްގައި އެ މުވައްޒަފުންނަށް ހައުސިން ފުރުޞަތު ލިބޭނެގޮތް ހަމަޖެއްސެވުމަށް ވެސް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސް ވަނީ ނިންމަވާފައެވެ.

މިކަމަކީ ރައީސްގެ ރިޔާސީ ވަޢުދު ފުޅެކެވެ.

ރައީސްގެ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ބޯހިޔާވަހިކަމަށް ޚާއްސަކަންތައްތަކެއް ހިމަނުއްވާފައިވާއިރު، އެމަނިކުފާނުގެ ތަސައްވުރުގައި ހިމެނޭ، ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫޢު، ''ރަސްމާލެ'' ހިއްކުމުގެ މަޝްރޫޢު ފުށިދިއްގަރުފަޅުގައި މިހާރު ފަށައިގެން ދަނީ ކުރިއަށެވެ.