ރާއްޖޭގެ ތިން ސަރަހައްދެއްގައި ރިހެބިލިޓޭޝަން ސެންޓަރުތައް އަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް މިގޮތަށް ނިންމެވީ މި ހަފުތާގެ އާދިއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، އިން ހުށަހެޅި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

Ad
rt

އެގޮތުން މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ކޮމިއުނިޓީބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމް، ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަން ހޯއްދަވައިގެން، ދިވެހިރާއްޖޭގެ ގާނޫނާއި، ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އަދި އިސްލާމީ ހަމަތަކަށް ފެތޭގޮތަށް ހިންގަން ފެށުމަށް ރައީސް ވަނީ ނިންމަވައިފައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރަން ހޯމް ލޭންޑް މިނިސްޓްރީން ހުށަހެޅި ގޮތަށް އަމިއްލަ ފަރާތްތަކަށް ރިހެބިލިޓޭޝަން ސެންޓަރުތައް ހިންގުމުގެ ފުރުސަތު ދޭން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

"މި މައްސަލައިގައި މަޝްވަރާ ކުރެވި މަސްތުވާތަކެތި ބޭނުން ކުރާ ފަރާތްތަކަށް ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމް ކަމާ ބެހޭ ފަރާތްތަކުގެ އެހީތެރިކަން ހޯއްދަވައިގެން ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އަދި އިސްލާމީ ހަމަތަކަށް ފެތޭ ގޮތަށް ހިންގަން ފެއްޓުން" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ތިން ރިހެބިލިޓޭޝަން ސެންޓަރު އަޅާނީ ނ. ވެލިދޫ އާއި ކ. ކާށިދޫ އާއި ލ. އަތޮޅުގައެވެ. މި ސެންޓަރު އަޅާނީ ލ. އަތޮޅުގެ ކޮން ރަށެއްގައި ކަމެއް ނާޒިމް ވިދާޅެއް ނުވެއެވެ.

ރާއްޖޭގައި މިހާރު ވެސް ތިން ރިހެބިލިޓޭޝަން ސެންޓަރެއް ސަރުކާރުން ހިންގަމުންދެއެވެ. އެއީ ކ. ހިންމަފުށީގައި ހިންގާ ރިހެބިލިޓޭޝަން ސެންޓަރާއި ހުޅުމާލޭގެ ހާފްވޭ ހައުސް އަދި ވެރި ރަށް މާލޭގައި ހިންގާ ސެންޓަރެކެވެ.