މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯންގެ ނަމުގައި ކުންފުންޏެއް އުފައްދަވަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސް މިގޮތައް ނިންމެވީ 31 ޑިސެމްބަރު 2023 ގައި އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހުށަހެޅި ކަރުދާހަކާމެދު ވަޒީރުންގެ ލަފާ ހޯއްދެވުމަށްފަހުގައެވެ.
ވަޒީރުންގެ މަޖިލީހުގެ އެންމެފަހުގެ ޖަލްސާއާއިގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމަށް ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބުދުﷲ ނާޒިމް އިބްރާހިމް މިއަދު ކުރިއަށް ގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، މި ކުންފުންޏަކީ ރާއްޖެއަށް ފުޅާދާއިރާއެއްގައި މުދާއެތެރެކުރުމާއެކު އަވައްޓެރި އެހެން ބައެއް ޤައުމުތަކަށް ރީއެކްސްޕޯޓް ކުރެވޭ ނިޒާމެއްގެ ތެރެއިން އާމްދަނީ އިތުރުކުރުމަށް އަމާޒުކޮށް އުފައްދާ ކުންފުންޏެކެވެ.
މިކުންފުނި އުފައްދަނީ ސަރުކާރު ހިއްސާވާ ފަސް ކުންފުޏެއްކަމުގައިވާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސް.ޓީ.އޯ.)، މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމް.ޓީ.ސީ.ސީ)، އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ޝާމިލުވާގޮތަށް އުފައްދާ މައިކުންފުންޏެއްގެ ގޮތުގައި ކަަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
މި ކުންފުނިން ފުރީ ޓްރޭޑް ޒޯންތައް ޤައިމުކުރުމުގެ ހުއްދައަށް އެދި ބޯޑް އޮފް އިންވެސްޓްމަންޓްސް އަށް ހުށަހެޅުމަށް ވެސް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ.
މި ކުންފުނީގެ މަޤްޞަދުތަކުގެ ތެރޭގައި ފްރީ ޓްރޭޑް ޒޯންތައް ޤާއިމުކުރުން ހިމެނެއެވެ. އަދި އިކޮނޮމިކް ސެކިއުރިޓީ ކަށަވަރުކުރުމަށްޓަކައި ވިޔަފާރީގެ ހަރަކާތްތައް ފުޅާކުރުމާއި އިޤްތިޞާދު ސިންދަފާތު ކުރުމަށްޓަކައި ރާއްޖެއާ ރާއްޖެއިން ބޭރަށް އަމާޒުކޮށްގެން އިމްޕޯޓް، އެކްސްޕޯޓް، ރީއެކްސްޕޯޓް އަދި ޕްރޮސެސިންގ މަސައްކަތްތައް ހިންގުން މި ކުންފުނި އުފެއްދުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!