އިވޭ އަޑުތަކާއި، ލިބޭ މަޢުލޫމާތުން ދޮގުތެދު ވަކިކުރާ އަހަރަކަށް އާ އަހަރު ހެދުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

ދިވެހިރައްޔިތުންނަށް އައު އަހަރުގެ ތަހުނިޔާ ވިދާޅުވެ މިއަދު ފޮނުއްވި ޚިޠާބުގައި ރައީސް ވަނީ ތިން ކަމަކަށް އެދިވަޑައިގަންނަވާފައެވެ.

Ad
rt

މީގެ ތެރެއިން ފުރަތަމަ ކަމަކީ، އާ އަހަރަކީ ތިމާގެ އަމިއްލަ ނަފުސު ތެދުވެރިކަމުގެ މައްޗަށް ބިނާކުރާ އަހަރަކަށް ހެދުމެވެ.

ދެވަނަ ކަމަކަށް އާ އަހަރަކީ ޙަޤީޤަތް ޤަބޫލުކޮށް، އާ އުންމީދުތަކާއި، އާ ކުރިއެރުންތަކާ އެކު ހަލުވިކޮށް ކުރިޔަށްދާ އަހަރެއް ކަމުގައި ހަދުމަށް ރައީސް ވަނީ އެދިވަޑައިގަންނަވާފައެވެ.

’’އާ އަހަރަކީ އިވޭ އަޑުތަކާއި، ލިބޭ މަޢުލޫމާތުން ދޮގުތެދު ވަކިކުރާ އަހަރަކަށް ހަދަމާތޯ’’ ތިންވަނަ ކަމެއްގެ ގޮތުގައި ރައީސްގެ ޚިޠާބުގައި ވަނީ ވިދާޅުވެފައެވެ.

ދިވެހީންނަކީ އެއް ޤައުމެއް، އެއް ބައެއް ކަމަށާއި، ތަރައްޤީއަށްޓަކައި ވިސްނުންތެރިކަމާއި ހަމަޖެހުމާއި ތެދުވެރިކަމާއި އަދި އިޚްލާޞްތެރިކަން ބޭނުންވާކަން ރައީސްގެ ޚިޠާބުގައި ވަނީ ފާހަގަ ކުރައްވާފައެވެ.