ޒުވާން ޚަޠީބުން ތަމްރީނު ކުރުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހުޅުވާލި ފުރުޞަތުގެ ދަށުން ކުރިމަތި ޒުވާނުންގެ ތެރެއިން އިންޓަވިއުއިން ފާސްވާ ޒުވާނުންނަށް ތަމްރީނުދީ ރޯދަ މަހުގެ ކުރިން ނިންމާލެވޭނެ ކަމަށް އެ ވުޒާރާއިން ބުނެފިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު މިއަދު ވިދާޅުވިގޮތުގައި އެ ވުޒާރާއިން ޒުވާން ޚަޠީބުން ތަމްރީނު ކުރުމަށް ޢިއުލާން ކުރި މަޝްރޫޢުގެ ދަށުން 100 ޒުވާނުން ކުރިމަތިލާފައިވާ ކަމަށެވެ.

Ad
rt

އެ ޒުވާނުންނަށް އޮންނަ އިންޓަވިއު އަންނަ ހަފުތާގައި ފަށައި، އެއަށްފަހު އިންޓަވިއުއިން ފާސްވާ ޒުވާނުނަށް ފިގުހީ ތަމްރީނުތައް ދޭން ފައްޓަވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

’’އެއަށް ފަހު ފިޤުހީ ތަމްރީނު ތަކެއް ދެވޭނެ. އެއަށް ފަހު އިންޝާ ﷲ މި ޒުވާނުން މިންވަރުތަކުން ފެނިގެންދާނެ. ރޯދަ މަހުގެ ކުރުން މިހުރިހައިކަމެއް ނިމޭނެ.’’ ވަޒީރު ވިދާޅުވެފަވެއެވެ.

މި ޒުވާނުންނަށް އިންޓަވިއު ކުރާނީ މާލޭގައި ނަމަ ހާޒިރުކޮށްގެންނެވެ. ރަށްރަށުން ކުރިމަތިލި ޒުވާނުންނަށް އޮންލައިން އިންޓަވިއު ކުރިއަށް ގެންދާނެއެވެ.

މި މަޝްރޫޢުގެ ދަށުން ޚަޠީބުކަމުގެ ހުއްދަ ދިނުމަށް ޚާއްޞަ ތަމްރީނެއް ދޭން ނިންމާފައިވާއިރު، އެ މަޝްރޫޢަށް ހޮވާލެވޭ ޒުވާނުންނަށް އިމާމުކަމުގެ ތަމްރީން ވެސް ދޭނެ އެވެ.

މި ތަމްރީންގައި އަތޮޅުތަކުން ހޮވޭ ކުދިންނަށް އަތޮޅުގައި ތިބެގެން ބައިވެރިވުމުގެ ފުރުސަތު ދޭން ނިންމާފައިވާއިރު، މާލެ ސަރަހައްދުން ހޮވޭ ޒުވާނުންނަށް މާލެ ސަރަހައްދުން ވެސް ތަމްރީން ހެދޭގޮތް ހަމަޖައްސަން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ ނިންމާފައެވެ.