ހުޅުމާލޭގެ މުނިސިޕަލް ހުރިހާ ހިދުމަތެއް މާދަމާއިން ފެށިގެން މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

މާލެ ސިޓީގެ އަވަށެއްގެ ގޮތުގައި އޮންނަ ހުޅުމާލޭގެ މުނިސިޕަލް ހުރިހާ ހިދުމަތެއް މިހާރު ދެމުން އަންނަނީ އާބަންކޯއިންނެވެ. އެހެންވެ، ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް ކައުންސިލްގެ ދަށަށް ބަދަލު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ އެންމެ ބޮޑެތި ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

Ad
rt

ރައީސް އޮފީހުގައި މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމަށް ފަހު، ރައީސް މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީގާނޫނުގައި ބަޔާން ކުރެވިފައިވާ ގޮތަށް ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރުމަށް ކެބިނެޓުން ނިންމާފައިވާ ކަމަށެވެ. އަދި މާދަމާ އިން ފެށިގެން އެކަމަށް އަމަލު ކުރަން ފައްޓަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި އޮފީސްތަކާއި ސާމާނާއި ބިމުގެ އިތުރުން މުވައްޒަފުން ބަދަލުކުރުމުގެ މަސައްކަތްތައް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި، މިހާރު ވަޒީފާގައި ތިބި މުވައްޒަފުންނަށް މިހާރު ލިބެމުން އަންނަ އުޖޫރައާ އެއްވަރުގެ އުޖޫރައެއް އެއް އަހަރު ވަންދެން ލިބޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"މިކަމާ ގުޅޭ އިތުރު ތަފްސީލްތައް ފަހުން ހާމަކުރާނަން. މިއީ އަޅުގަނޑު އިންތިހާބުގެ ތެރޭގައި ވީ ވައުދެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު، މާލޭގެ މޭޔަރަކަށް ހުންނެވި އިރުގައި ވެސް އެމަނިކުފާނު ކުރެއްވި އެންމެ ބޮޑު އެއް ޝަކުވާއަކީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ނެތުމުންނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އޭރުގައި އާބަންކޯ އާއި މާލެ ސިޓީ ކައުންސިލާ ދެމެދެ ހިޔާލު ތަފާތުވުންތަކެއް އުފެދި ބޮޑު ކޯޅުމަކަށް ވެސް އެކަން ދިޔައެވެ. މާލެ ސިޓީ ކައުންސިލުން ކުރިން ވަނީ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކޮށްފައެވެ.

އެ މައްސަލަ ކޯޓަށް ހުށަހެޅުމުން މައްސަލަ ނިމުނީ އާބަންކޯ ކޮޅަށެވެ. ކޯޓުން ނިންމީ ހުޅުމާލެއަކީ އާބަންކޯގެ ބިމެއްގެ ގޮތުގައެވެ.