ހއ. ކެލާ ކައުންސިލްގެ، ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް އަރުޝަތު އައްބާސް ހަމަޖައްސައިފިއެވެ.

ތިލަދުންމަތީގެ ފުރަތަމަ ލޯކަލް އޮތޯރިޓީ ކުންފުނީގެ އެމްޑީއެމް ހަމަޖެއްސިކަން އެ ކުންފުނީގެ ބަލަދުވެރިފަރާތް، ކެލާ ކައުންސިލުން ހާމަކުރީ އިއްޔެއެވެ.

Ad
rt

އަރުޝަތަކީ މެލޭޝިއާގެ އޯޕަން ޔުނިވާސިޓީން މާސްޓާސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހެއްދެވުމުގެ އިތުރުން އިންޑިއާގެ ބެންގަލޫރު ޔުނިވާސިޓީ އިން ބެޗްލާސް އޮފް ކޮމާސް، ސްޕެސެލައިޒް އިން ޓްރެވަލް އެންޑް ޓޫރިޒަމް ހައްދަވާފައިވާ ބޭފުޅެކެވެ.

ފްރީލާންސް ބިޒްނަސް ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާ، ސޯސަލް ސްޓަޑީއިން ޓީޗިން ވެސް ހައްދަވާފައިވާ އަރުޝަތު މީގެ ކުރީން ވަނީ އެސްއެމްއީ ބިޒްނަސް ކޯޕަރޭޝަންގެ ބިޒްނަސް ކޮންސަލްޓެންޓެއްގެ މަގާމާއި، އެލެވެންއެސް ޑިޒައިން އެންޑް ކޮންސެލްޓެންސީ ކުންފުނީގެ ހެޑް އޮފް އެޑްމިން އެންޑް މާކެޓިން ފަދަ މަގާމްތައް އަދާކުރައްވާފައެވެ.

ކެލާ ކައުންސިލްގެ ރައީސް އަބުދުﷲ އިންފާޒް ‘’ތިލަދުން’’ އަށް ވިދާޅުވީ، ކެލާ ކައުންސިލްގެ، ލޯކަލް އޮތޯރިޓީއަށް އެމްޑީއެއް ހަމަޖެހިގެން ދިޔުމާއެކު އެ ކުންފުންޏަށް މުވައްޒަފުން ނަގައި، ކުންފުނީގެ މަސައްކަތް ދެން ހިންގައިގަނެވޭނެ ކަމަށެވެ.

މިދިޔަ އަހަރުތެރޭ ރަޖިސްޓަރީކޮށް، ކެލާ ކައުންސިލުގެ އާމްދަނީ އިތުރުކުރުމުގެ މަގުސަދުގައި އެފެއްދި މި ކުންފުނިން ވިޔަފާރިތައް ކުރުމުގައި ރަށުގެ އާންމުން ކުރާ ވިޔަފާރިތައް އެ ކުންފުނިން ނުކުރާނެ ކަމަށް ކެލާ ކައުންސިލުން ބުނެފަވެއެވެ. އަދި ބޭނުންވަނީ ތަފާތު އެހެނިހެން ވިޔަފާރިތައް ކޮށްގެން އާމްދަނީ ހޯދުން ކަމަށް ވެސް ބުނެފަވެއެވެ.

ދިވެހިރާއްޖޭގެ އިދާރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ލޯކަލް ކައުންސިލްތަކަށް ލޯކަލް އޮތޯރިޓީ އުފައްދައިގެން ވިޔަފާރިކުރުމުގެ މަގު ވަނީ ތަނަވަސްވެފައެވެ.

މިގޮތުން ކައުންސިލްތަކުގެ ދާއިރާގެ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށްޓަކައި، ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ދާއިރާގެ ތެރޭގައި އިޤްތިޞާދީ ޙަރަކާތްތައް ހިންގުމުގެ އިޚްތިޔާރު ކައުންސިލްތަކަށް ލިބިގެންވާކަމަށް އެ ޤާނޫނުގައި ބުނެފައިވާއިރު، އަދި ކައުންސިލްތަކުން ވިޔަފާރިކުރުމަށްޓަކައި އެ ޤާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ''ލޯކަލް އޮތޯރިޓީ ކުންފުނި'' އުފައްދައި ހިންގިދާނެ ކަމަށް ވެސް އެ ޤާނޫނުގައި ބުނެފަވެއެވެ.

ލޯކަލް ކައުންސިލްތަކުގެ ކުންފުނިތަކުގެ މައްޗަށް ވެސް ހިނގަނީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގައި ބަޔާންކުރާ ކުންފުނިތަކަށް ހިނގާ އުޞޫލެވެ.