ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ސުނާމީ ކާރިސާގައި ނިޔާވި މީހުންނާއި ގެއްލުނު މީހުންގެ ހަނދާނުގައި މިއަދު ހެނދުނު ގެނައި ސުކޫތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.

ސުނާމީގެ ރާޅު 2004 ވަނަ އަހަރު ރާއްޖެއަށް އެރިކަމަށް ރިކޯޑްކުރެވިފައިވާ ގަޑިކަމުގައިވާ ހެނދުނު 9:23ގައި ގެނައި ހަމަހިމޭންކަމުގެ މި ވަގުތުކޮޅުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ނިކުމެވަޑައިގެންނެވީ ރައީސް އޮފީހުގެ ދެކުނުން، ކުރީ ހުރަވީ ބިލްޑިންގ ހުރި ސަރަހައްދަށެވެ.

Ad
rt

އެސަރަޙައްދުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ އިސްބޭފުޅުންނާއި ވަޒީރުންނާއި ރައީސް އޮފީހުގެ މުވައްޒަފުން މި ސުކޫތުގައި ބައިވެރިވިއެވެ.

މީގެ އިތުރުން މާލެ ސަރަޙައްދުގެ އޮފީސްތަކާއި، އަތޮޅު ތަކުގެ އޮފީސްތަކުގެ މުވައްޒަފުންވެސް އޮފީސްތަކުން ބޭރަށް ނުކުމެ މި ސްކޫތުގައި ބައިވެރިވިއެވެ.

ރާއްޖޭގައި ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހެވެ. އެދުވަސް ފާހަގަ ކުރަނީ 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވީ އާދީއްތަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީގެ ކާރިސާއާއި ގުޅިގެން ދިވެހިން ދެއްކި އެއްބައިވަންތަކަން ފާހަގަކުރުމުގެ ގޮތުންނެވެ.

އެ ދުވަހުގެ ހެނދުނު ރާއްޖޭ ގަޑިން 9:23 ގައި ރާއްޖޭގެ ރަށްތަަކަށް އެރި ސުނާމީ ރާޅަކީ ރާއްޖެއަށް މިހާތަނަށް ދިމާވި އެންމެ ނުރައްކާތެރި އަދި އެންމެ ގެއްލުންބޮޑު ކާރިސާއެވެ. މި ކާރިސާގައި 82 މީހުންގެ ފުރާނަ ގެއްލި، 26 މީހުން ވީނުވީއެއް ނޭނގި ގެއްލިފައިވެއެވެ.

އިންޑޮނޭޝިއާގެ ސްމަޓްރާގެ ކަނޑު އަޑިއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އުފެދުނު މި ސުނާމީގައި ދުނިޔޭގެ 14 ގައުމަކުން 230000 އާއި 280000 އާ ދެމެދުގެ ޢަދަކަށް މީހުން މަރުވިކަމަށް ރެކޯޑު ކުރެވިފައިވެއެވެ.