ޤައުމީ ފެންވަރުގައި "ހަމަހަމަކަން ކަށަވަރު" ނިޝާން ތަޢާރުފުކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މިޢިއްޒު އިއްޔެ ނިންމައިވައިފިއެވެ.
މިއީ ދައުލަތުގެ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުގައި މިންތީގެ ހަމަހަމަކަމަށް ބާރު އެޅުމުގެ ގޮތުން ތަޢާރުފުކުރުމަށް ނިންމާފައިވާ ނިޝާނެކެވެ.
ރައީސް މި ނިންމެވުން ނިންމަވާފައި ވަނީ އިއްޔެ އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިކަމާއިގުޅޭގޮތުން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ ލަފާ ހޯއްދެވުމަށްފަހުއެވެ.
މި ކަރުދާހުގައި ބުނެފައިވާގޮތުން "ހަމަހަމަކަން ކަށަވަރު" ނިޝާނަކީ އިޤްތިޞާދީ ގޮތުން ދެ ޖިންސުގެ މެދުގައި ހުރި ފަރަގުތައް ނައްތާލުމަށާއި ވަޒީފާގެ މާހައުލަކީ ދެ ޖިންސަށް ވެސް ހަމަހަމަ ފުރުޞަތުތަކެއް ކަށަވަރުވެފައިވާ ފަހި މާހައުލަކަށް ހެދުމަށްޓަކައި ހުރިހާ އިދާރާތަކުގައި ވެސް މިންތީގެ ހަމަހަމަކަމަށް ބާރުއެޅުމުގެގޮތުން ޤައުމީ ފެންވަރުގައި އެކުލަވައިލެވިފައިވާ ނިޒާމެކެވެ.
މިގޮތުން، މަސައްކަތްތައް ބައްޓަންކުރަންވީ މައިގަނޑު ދާއިރާތަކާއި މިންގަނޑުތަކެއް ކަނޑައަޅައި، މި މިންގަނޑުތައް ހާސިލުކުރުމަށް ހިތްވަރުދިނުމަށާއި، މިންތީގެ ހަމަހަމަކަމަށް ވަކާލަތުކޮށް ކާމިޔަބީތައް ހޯދާފައިވާ އިދާރާތަކުގެ އަގު ވަޒަންކުރުމަށް މި ނިޝާން ދެވިގެންދާނެކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ކަރުދާހުގައި ފާހަގަކޮށްފައި ވެއެވެ.
"ހަމަހަމަކަން ކަށަވަރު" ނިޝާންގެ އަސާސީ މިންގަނޑުތައް
- އިދާރާއަކަށް މުވައްޒަފުން ޢައްޔަނުކުރުމުގައި ޖެންޑާ ނިއުޓްރަލް އުސޫލެއް ގެންގުޅުން
- މިންތީގެ ތަފާތުކުރުންތައް އަދި ޖިންސީ ފުރައްސާރަކުރުން ހުއްޓުވައި އެކަން ޙައްލުކުރުމަށް ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުން
- ޖެންޑާ ރެސްޕޮންސިވް އިންފްރާސްޓްރަކްޗާ ޤާއިމުކުރުން
- ހަމަހަމަ މަސައްކަތްތަކަށް ހަމަހަމަ އުޖޫރައެއް ދިނުން
- ކަންކަން ނިންމާ ފެންވަރުގައި ނުވަތަ މެނޭޖްމަންޓް ލެވެލްގައި މިންތީގެ ހަމަހަމަކަމަށް އަހައްމިއްޔަތުކަން ދައްކުވައިދިނުން
ޤައުމީ ފެންވަރުގައި "ހަމަހަމަކަން ކަށަވަރު ނިޝާން'' ތަޢާރަފުކުރުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓު ''ހަފުތާ 14''ގައި ހިމަނާފައިވާ ކަމެކެވެ.
މި ނިޝާން ތަޢާރުފް ކުރުމުގެ މަސައްކަތް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިހާރު ފަށާފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!