ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިދުމަތް އަންނަ މާޗް މަހު ފަށަން ސަރުކާރުން ނިންމައިފިއެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ޕްރެސް ކޮންފަރެންސްގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ރާއްޖޭގައި އެއާ އެމްބިއުލާންސް ތައާރަފް ކުރުމާއި އޭގެ ހިދުމަތް ދިނުމާ ބެހޭ ކަރުދާހެއް ހެލްތު މިނިސްޓްރީން އިއްޔެ ކެބިނެޓަށް ހުށަހެޅި ކަމަށެވެ.

Ad
rt

ކެބިނެޓުގައި އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ފަހު ނިންމާފައި ވަނީ މާޗު މަހު އެއް ވަނަ ދުވަހުން ފެށިގެން އެ ހިދުމަތް ތައާރަފް ކުރަން ކަމަށް ނާޒިމް ވިދާޅުވިއެވެ. އެކަމުގައި މޯލްޑިވިއަނާ ގުޅިގެން ދެ އެއާ އެމްބިއުލާންސް ބޭނުން ކުރަން ނިންމާފައިވާ ކަމުގައި ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މި ހިދުމަތް ދެމުން އަންނާނީ މިހާރުވެސް އެމަޖެންސީ ހިދުމަތް ދިނުމަށް މިނިސްޓްރީ އޮފް ހެލްތުގައި އެއާ އެމްބިއުލަންސް ހިންގަން އުފައްދާފައިވާ ޑިޕާޓްމެންޓުގެ ދަށުން ކަމަށެވެ.

"އެ ހިދުމަތް ދިނުމަށް ވާން ޖެހޭ ތައްޔާރީތައް ވުމަށްޓަކައި ދެ އެއާ އެމްބިއުލާންސް ތައްޔާރުކޮށް މޯލްޑިވިއަން އާ ގުޅިގެން މި ހިދުމަތް ރައްޔިތުންނަށް ލިބޭނެ އިންތިޒާމް ހެލްތާ ގުޅިގެން ކުރިޔަށް ގެންދާނެ،" ނާޒިމް ވިދާޅުވިއެވެ.

އެއާ އެމްބިއުލަންސްގެ ހިދުމަތް ތައާރަފް ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި މިދިޔަ އޮގަސްޓް 16 ވަނަ ދުވަހު ދ. ކުޑަހުވަދޫ އަށް ވަޑައިގެން ރައީސް މުއިއްޒު ވިދާޅުވީ ވެރިކަމަށް ހޮވިވަޑައިގެންފި ނަމަ، ރާއްޖެ އަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ތައާރަފް ކުރައްވާނެ ކަމަށެވެ. މުއިއްޒު އޭރު ވިދާޅުވި ގޮތުގައި އެ ހިދުމަތް ދޭނީ ސީޕްލޭނެއް މެދުވެރިކޮށެވެ. އެ ސީޕްލޭންއަކީ "ފުލީ އިކުއިޕައިޑް" އެއާ އެމްބިއުލާންސްއަކަށް ބަދަލު ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އެކަން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނަން. ބަލި މީހުން އެ ތަނުން އަނެއް ތަނަށް އުފުލާނަން." ރައީސް ވިދާޅުވެފައިވެއެވެ.