ރާއްޖެ އިން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކްރެޑިޓު އަދި ޑެބިޓު ކާޑުން މަހަކު 1،200 ޑޮލަރު ނެގޭ ގޮތަށް ކާޑު ލިމިޓު މަތި ކުރަން ނިންމާފައިވާ ކަން ސަރުކާރުން މިއަދު އިއުލާނުކޮށްފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ މިހާރު އޮންނަގޮތުން ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް މަހެއްގެ މައްޗަށް ކާޑުން ބޭނުން ކުރެވެނީ 750 ޑޮލަރު ކަމަށެވެ. ކެބިނެޓުން އިއްޔެ ނިންމެވި ނިންމެވުމާ ގުޅިގެން އަންނަ ފެބްރުއަރީ 1 އިން ފެށިގެން ކިޔަވާ ކޮންމެ ދަރިވަރެއްގެ ކާޑުން 1،200 އެމެރިކާ ޑޮލަރު ބޭނުން ކުރެވޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

Ad
rt

"މިކަމާ ގުޅިގެން ނިންމަވަން ޖެހޭ އެހެނިހެން އިދާރީ، ޓެކްނިކަލް މަސައްކަތްތައް ކަމާގުޅޭ ވުޒާރާތަކުން، ހާއްސަކޮށް ފިނޭންސް މިނިސްޓްރީން، ބޭންކް އޮފް މޯލްޑިވްސް އާއި އެމްއެމްއޭއާ ގުޅިގެން ކުރިއަށް ގެންދިއުމަށް ކެބިނެޓުން ނިންމަވައި ފެބްރުއަރީ 1 ވަނަ ދުވަހުން ފެށިގެން މިކަން ތަންފީޒު ކުރެއްވުމަށް ރައީސް ވަނީ ނިންމަވާފައި،" ނާޒިމް ވިދާޅުވިއެވެ.

ކޮވިޑާ ގުޅިގެން އޮންލައިން ޓްރާންސެކްޝަންތައް ބޭނުންކުރާ ވަރު ލިމިޓު ކުރުމަށް ފަހު ބީއެމްއެލް އިން އަންނަނީ މަޑުމަޑުން ލިމިޓް އިތުރު ކުރަމުންނެވެ. އެންމެ ފަހުން 750 ޑޮލަރަށް ކާޑުގެ ލިމިޓް އިތުރު ކުރީ 2021 ގައެވެ.

ނާޒިމް ވިދާޅުވީ ރާއްޖޭން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް ކާޑުގެ ޑޮލަރުގެ ލިމިޓުގެ ދަތިކަން ހައްލުކުރަން މަރުހަލާތަކަކަށް ބަހާލައިގެން ކުރިއަށް ގެންދަން ކެބިނެޓުގައި މަޝްވަރާ ކުރި ކަމަށެވެ. ދަރިވަރުންގެ ކާޑު ލިމިޓު ބޮޑުކޮށްދިނުމަކީ ފުރަތަމަ މަރުހަލާ ސަރުކާރުން ކުރަން ނިންމި ކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ.