މޫނު ބުރުގާއަކީ ޢިލްމުވެރީންގެ އިއްތިފާޤުން، މާތް މަތިވެރި ޝިޢާރެކެވެ.

madina

މޫނު ބުރުގާއަކީ ހައްދު ފަހަނަޅައިފައިވާ ކަމުގެ ނިޝާނެއް ކަމަށް ބައެއް މީހުން ފާހަގަކުރެއެވެ. ނަމަވެސް ދީނީގޮތުން މި ކަން އޮތީ ދިމާ އިދިކޮޅަށެވެ. މޫނު ބުރުގާއަކީ ޢިލްމުވެރީންގެ އިއްތިފާޤުން، މާތް މަތިވެރި ޝިޢާރެކެވެ.

ޢިލްމުވެރީންގެ މެދުގައި ޚިލާފު އޮތީ އަންހެނާގެ މޫނަކީ އައުރަތޯ ނުވަތަ ނޫންތޯއާ މެދުގައެވެ. ބައެއް ޢިލްމުވެރީންގެ އަރިހުގައި މޫނާއި ދެ އަތްތިލައަކީ ވެސް އައުރައެވެ. އަނެއް ބައި ޢިލްމުވެރީންގެ އަރިހުގައި އެއީ އައުރައެއް ނޫނެވެ. ނަމަވެސް ފޮރުވުން މަތިވެރި ކަމެކެވެ. މުސްތަޙައްބު ކަމެކެވެ. އެއްވެސް ޢިލްމުވެރިޔަކު އެއީ ދީނުގައި ނެތް ކަމެއް ކަމަށް ވިދާޅުވެފައެއް ނުވެއެވެ.

މޫނު ބުރުގާ އަޅާ އުޚުތުންނަށް އެކަން ކުރުމަށް އެއްވެސް ހުރަހެއް އިސްލާމީ ޤައުމެއްގައި އޮވެގެން ނުވާނެއެވެ. ޚާއްޞަކޮށް، އެކަމާ ގުޅުވައިގެން އެ ކަނބަލުންނަށް ވަޒީފާއަށް ދިޔުމަށް ހުރަހެއް ކުރިމަތި ކުރެވިގެން ނުވާނެއެވެ. އެ ފަދަ ޤާނޫނެއް އަދި ގަވާއިދެއް ހަދައިގެން އެކަން މަނާކުރަން އުޅުމަކީ އެއްގޮތަކަށް ވެސް ކޮށްގެން ވާނޭ ކަމެއް ނޫނެވެ. އެ އުޚުތުންނަށް އެކިއެކި އުނދަގުލާއި ދުއްތުރާ ކުރިމަތި ކުރުމަކީ ވަރަށް ބޮޑު ކުށެކެވެ. އެއީ މުސްލިމަކު ކޮށްގެން ވާނޭ ކަމެއް ނޫނެވެ.

މޫނު ބުރުގާއަކީ ހައްދު ފަހަނަޅައި ދިޔަކަމުގެ ނިޝާނެއް ނޫނެވެ. އެއީ ދީނީ ޝިޢާރެކެވެ. އެއީ ދީނީ ކަމެކެވެ. ދީނުގެ ތެރޭގައި ވާ ކަމެކެވެ. މެދުމިނުގެ ކަމެކެވެ. މޫނު ބުރުގާއަކީ ހައްދު ފަހަނަޅައިފައިވާ ކަމުގެ ނިޝާނެއް ކަމަށް ބަލައި، އެ ކަން މަނާކުރަން އުޅުމާއި އެ އުޚުތުންނަށް ތަފާތު ހުރަސްތައް ކުރިމަތި ކުރުމަކީ "އިސްލާމަފޯބިއާ" ގެ ތެރެއަށް ވަންނާނެ ކަމެއް ކަމާ މެދަކު ޝައްކެއް ނެތެވެ. "އިސްލާމަފޯބިއާ" އަކީ އިސްލާމްދީނުގެ ކަންކަމާ މެދު ބަޔަކު މީހުން ގަންނަ ބިރެވެ. މިއީ އިސްލާމީ މުޖުތުމަޢެއްގައި އޮންނަން ޖެހޭ ކަމެއް ނޫނެވެ. އިސްލާމީ މުޖުތަމަޢެއްގައި ދީނީ ކަންކަމަށް ހިތްވަރު ދޭން ޖެހޭނެއެވެ. އެ ކަނބަލުންނަށް ވެސް ވަޒީފާއަށް ދިޔުމަށް ފުރުޞަތުތައް ފަހިކުރަން ޖެހޭނެއެވެ. އަދި އެ ކަމުގައި އެއްވެސް ހުރަހެއް ކުރިމަތި ކުރެވިގެން ނުވާނެއެވެ.

ދުނިޔެވީ ނަޒަރަކުން ބަލާއިރު ވެސް ކޮވިޑް-19 ސާބިތުކޮށްދިނީ މޫނު ބުރުގާ (ނޫނީ މާސްކު) އަޅައިގެން އަދާ ނުކުރެވޭނެ ވަޒީފާއެއް ނެތް ކަމެވެ. ދުނިޔެވީ ގޮތުން މޫނު ނިވާ ކުރަން ޖެހޭ ހާލަތްތަކުގައި ނިވާކުރަން ފުރުޞަތު އޮވެފައި، އަދި މޫނު ނިވާކުރަން މަޖުބޫރު ކުރެވިފައި، ދީނީގޮތުން މުސްލިމް އުޚުތުން މޫނު ނިވާކުރުމަކީ ކުށަކަށް ވަންޏާ، އެއީ ވަރަށް ބޮޑު ދެފުށް ދެގޮތް، ނިފާޤު ކަމެކެވެ. އެއިން އެނގެނީ، އެ ބަޔަކު ރުޅިއަންނަނީ މޫނު ނިވާ ކުރާތީއެއް ނޫން ކަމެވެ. ނުވަތަ އެ ވަޒީފާއެއް މޫނު ނިވައިކޮށްގެން އަދާ ނުކުރެވޭތީއެއް ވެސް ނޫން ކަމެވެ. ނަމަވެސް އެ ބަޔަކު އެ ރުޅިއަރަނީ އެއީ ދީނީ ކަމަކަށް ވާތީ ކަމެވެ. ދީނީ ކަމަކަށް ރުޅިއަރައިފި މީހެއްގެ އީމާންކަމެއް ނޯންނާނެއެވެ. އެ މީހަކު ޖެހޭނީ ތައުބާވެ ދީނަށް އަލުން އެނބުރި ރުޖޫޢަ ވާށެވެ.

މޫނު ބުރުގާއާ ދެކޮޅަށް ޢަލްމާނީންނާއި ދީނުގެ ޢަދުއްވުން ކުރާ ކަންކަން އެއީ އިސްލާމީ މުޖުތަމަޢެއްގައި ބަލައިގަނެވޭނޭ ކަމެއް ނޫނެވެ. އެކަމާ ދެކޮޅަށް ހުރިހާ މުސްލިމުން ބަސް ބުނަން ޖެހޭނެއެވެ. ދީނުގެ ޝިޢާރުތައް ޙިމާޔަތް ކުރުމަކީ ހުރިހާ މުސްލިމުންގެ ބޮލުގައި އެޅިފައިވާ ޒިންމާއެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. Moonu burugaa elhuvumakee anhenunnah kurevey beyinsaafeh. E ee anhenunge thabiyyathaai ves kandaelhigen khilaafu kameh. Adhi insaanun ekaku anekakah bahvaa hiyheyokan ramzukohdhey hinithunvun ves nufeni meehaa mujuthamau aai vakikoh ekaherikuraa laainsasnee amaleh. Mee dheenee kamakah hadhanee anhenunnakee alhun kamugai dhekey jaahilun.

    1
    1
  2. މިކަމާމެދު ހުރިހާ ގޮތަކަށް ވިސްނާފަ އިސްލާމް ދީނުގައި އޮންނަގޮތް ރަނގަޅަށް ދިރާސާ ކޮށްފަ ވާހަކަ ދެއްކުން ވަރަށް މުހިންމުވާނެ. އެއްޗަކަށް އެއްޗެއް ކިޔަސް ކަމަކު ނުދާނެ. އަދި އަލުން ދިރާކުރޭ.
    قال رسول الله صلي الله عليه وسلم (من كذب علي متعمدا فاليتبوأ مقعده من النار،،)

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *