މިދިޔަ ބުރާސްފަތި ދުވަހުގެރޭ އައްޑޫ ސިޓީގައި އިހި ނަގަން އުޅެނިކޮށް ގެއްލުނު މުހައްމަދު ނައީޝް ނަސްރު ހޯދުމަށް ސަރުކާރުން އިހުމާލުވަމުންދާ ކަމަށް ބުނެ، ނައީޝް ހޯދުމަށް ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ބޭނުން ކުރަން އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ރޭ ގޮވާލައިފިއެވެ.

އުމުރުން 18 އަހަރުގެ ނާއިޝް ގެއްލިފައި ވަނީ އިތުރު ދެ ރަހުމަތްތެރިންނާއެކު ސ. ގަމުގެ ފުއްޓަރު ފަރާތު މޫދަށް އިހި ނަގަން ފައިބައިގެން އުޅެނިކޮށެވެ. ނައީޝް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ކުރަނީ އިންޑިއާ އިން ރާއްޖެ އަށް ދީފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓާ ނުލައެވެ.

Ad
rt

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ދިވެހި ޒުވާނަކު ގެއްލި 72 ގަޑިއިރު ފާއިތުވެގެންދިޔައިރު ވެސް ދައުލަތުގެ އިދާރާތަކުގެ ބެލުމުގައި ދަށުގައި ހުރި ހުރިހާ ވަސީލަތްތަކެއް އެ ޒުވާނާ ހޯދުމަށް ބޭނުން ނުކުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.

އެކުވެރި ގައުމުތަކާ އެކު އޮންނަ ގުޅުންތަކުގެ ތެރެއިން ޒަމާނުއްސުރެ ރާއްޖެއިން މިފަދަ އޮޕަރޭޝަންތަކުގައި އެހީތެރިކަން ހޯދާއިރު މިއަދު ރާއްޖޭގައި އެފަދަ ފަންނީ ގާބިލުކަމާއި ވަސީލަތްތައް ލިބެން ހުރެމެ, އެ ވަސީލަތްތައް ބޭނުން ނުކުރުމަކީ ކަންބޮޑުވުމެއް ކަމަށް އެމްޑީޕީން ބުންޏެވެ.

ރާއްޖޭގެ ސިފައިންނާއި ބޭރު ގައުމުތަކާ އެކު ގުޅިގެން ކުރިއަށް ގެންދިޔަ މިފަދަ 1،996 އޮޕަރޭޝަނެއްގައި 3,452 މީހުން ސަލާމަތް ކުރެވިފައި ވުމަކީ އޮޕަރޭޝަންތަކުގެ ކާމިޔާބީގެ ރޭޓު މަތިކަން ހާމަކޮށްދޭ ކަމެއް ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައިވެއެވެ.

އެމްޑީޕީން ބުނީ ރާއްޖޭގެ އިދާރާތަކުގައި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހިންގޭނެ ވަރަށް ގާބިލުކަން އިތުރު ކުރުމުގެ މަސައްކަތް ފުރިހަމަ ނުވަނީސް އެ ވަސީލަތްތަކާއި ފަންނީ ލަފާ އޮޕަރޭޝަންތަކުގައި ބޭނުން ނުކުރުމަކީ އެ އޮޕަރޭޝަންތައް ކާމިޔާބު ކުރަން ދަތިވާނެ ކަމެއް ކަމަށެވެ.

"ދިވެއްސެއްގެ ފުރާނައަށްވުރެ ސިޔާސީ އެޖެންޑާއެއް އިސްކުރުމަކީ މިޕާޓީން އެއްގޮތަކަށް ވެސް ބަލައިގަންނާނެ ކަމެއް ނޫނެވެ. ނައީޝް ހޯދުމުގެ އޮޕަރޭޝަނުގައި މި ވަގުތު ރާއްޖޭގައި ލިބެން ހުރި ހުރިހާ ވަސީލަތްތަކެއްގެ ބޭނުން ހިފުމަށް ސަރުކާރަށް ގޮވާލަމެވެ." އެމްޑީޕީގެ ބަޔާނުގައިވެއެވެ.

މީގެ ކުރިން އާންމު ގޮތެއްގައި މިފަދަ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކުގައި، އިންޑިއާ ސިފައިން ރާއްޖޭގައި ދުއްވާ ހެލިކަޕްޓަރު ނުވަތަ ޑޯނިއާ މަތިންދާބޯޓު ބޭނުން ކުރެއެވެ. އެކަމަކު މި އޮޕަރޭޝަންގައި އެމްއެންޑީއެފުން ބޭނުން ކުރަމުން ދަނީ އައްޑޫ އެއާޕޯޓުގައި ހިންގަމުން އަންނަ ފްލައިން ސްކޫލް، މޯލްޑިވްސް އޭވިއޭޝަން އެކެޑެމީގެ މަތިންދާބޯޓާއި އެމްއެންޑީއެފްގެ ލޯންޗުފަހަރެވެ.