ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކޮމިޝަނާ އޮފް ޕޮލިސްކަމަށް ދަފްތަރު ނަންބަރު: ރސ 5852، ޢަލީ ޝުޖާޢު، މިއަދު ޢައްޔަންކުރައްވައިފިއެވެ.
ޝުޖާޢު، ކޮމިޝަނާ އޮފް ޕޮލިސްގެ މަޤާމަށް ޢައްޔަނުކުރައްވައި، ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވަވާފައި ވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.
ޕޮލިސް ކޮމިޝަނާކަމަށް ޢައްޔަނު ކުރެއްވުމުގެ ކުރިން ޝުޖާޢު ފުރުއްވަމުން ގެންދެވީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަޤާމެވެ.
ޝުޖާޢު ވަނީ، ޕޮލިސް އެކަޑަމީގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރެއްވުމުގެ އިތުރުން ފުލުހުންގެ ޚިދުމަތުގައި ދިގު މުއްދަތެއްގައި ގިނަ ޚިދުމަތްތަކެއް ކުރައްވާފައެވެ.
ޝުޖާޢު އަކީ، މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވސިޓީން މާސްޓާ އޮފް މެނޭޖްމަންޓް ހާސިލުކުރައްވާފައިވާ، އެމެރިކާގެ ޔުނިވާސިޓީ އޮފް ވާޖީނިއާ އެފިލިއޭޓްވާ އެފްބީއައި ނޭޝަނަލް އެކަޑަމީ ސެޝަން 277ގެ އެފްބީއައި ގުރެޖުއޭޓެއް ވެސް މެއެވެ.
ޝުޖާގެ ކުރިން ޕޮލިސް ކޮމިޝަނާގެ މަޤާމު ފުރުއްވީ މުހައްމަދު ހަމީދެވެ. އޭނާ ވަނީ 17 ނޮވެމްބަރު 2023 ގައި ޝަރަފްވެރިކަމާއެކު މަޤާމުން ރިޓަޔާކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!