ކޮންސްޓްރަކްޝަން އިންޑަސްޓްރީއާ ގުޅޭ ތިން ދާއިރާއެއް ދިވެހިންނަށް ޚާއްޞަކުރުމަށް ނިންމާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ހޮޓެލް ޖެންގައި މިރޭ ބޭއްވި މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ "އެމް.އެން.އޭ.ސީ.އައި ބިލްޑަރ އެވޯޑްސް 2023" ޙަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ކޮންސްޓްރަކްޝަން އިންޑަސްޓްރީޒްގެ މައި ޖަމިއްޔާ، މަސީން ރޭ ބޭއްވި މި ހަފުލާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، އިއްޔެގެ ކެބިނެޓް ބައްދަލުވުމުގައި ދެ އަހަރާއި ފަސް އަހަރުގެ ތެރޭގައި ދިވެހިންނަށް ޚާއްޞަ ދާއިރާތަކުގެ ގޮތުގައި ހެދުމަށް ވަރަށްގިނަ ދާއިރާތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ކޮންސްޓްރަކްޝަން އިންޑަސްޓްރީއާ ގުޅޭ ތިން ދާއިރާއެއް ވެސް ކަނޑައަޅާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

''ކުރިއަށް އޮތް ދެ އަހަރު ދުވަހު މަސައްކަތްކޮށް، ދެ އަހަރު ފަހުން މި ތިން ފީލްޑަކީ، ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި ހަމައެކަނި ދިވެހިން މަސައްކަތް ކުރާނެ ތިން ދާއިރާއެއްގެ ގޮތުގައި ކަނޑައެޅީ. އެއީ ބިލްޑިންގ އިންސްޕެކްޓަރުންގެ ދާއިރާއާއި، ސައިޓް ސުޕަވައިޒަރުންގެ ދާއިރާއާއި، ސާރވޭޔަރުންގެ ދާއިރާ. މި ތިން ދާއިރާއަކީ އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތާނގައި ހަމައެކަނި ދިވެހިން މަސައްކަތް ކުރާނެ ތިން ދާއިރާއަށް ވެގެންދާނެ.'' ރައީސް ވިދާޅުވިއެވެ.

އޭގެ ބޭނުމަކީ ދިވެހިވަންތަކަމާއެކު، ދިވެހިންގެ އަތްމައްޗަށް ދިވެހިންގެ ހުރިހާ ކަމެއް ގެނައުން ކަމަށާއި، އެގޮތައް އެކަންކުރާއިރު ކޮންސްޓްރަކްޝަން އިންޑަސްޓްރީއަކީ، ރާއްޖޭގެ ދެވަނައަށް އެންމެބޮޑު އިންޑަސްޓްރީކަމުން އެމައްސަކަތުގައި ޝާމިލްވާންޖެހިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކުރިއަށް އޮތް ތާނގައި ސިވިލް އިންޖިނިއަރުންނާއި، އާކިޓެކްޓުންފަދަ އިތުރު ދާއިރާތައް ވެސް ދިވެހިންނަށް ޚާއްޞަ، ދިވެހިން އެކަނި މަސައްކަތް ކުރާނެ ދާއިރާތަކަށް ވެގެންދާނެ ކަމަށެވެ. އަދި މި ސަރުކާރުގެ 20 އަހަރުގެ މާސްޓަރ ޕްލޭން ތެރޭގައި، ސަރުކާރުގެ ވިސްނުމަކީ، މުޅި އެ އިންޑަސްޓްރީއަކީ ވެސް ހަމަ ދިވެހިން އެކަނި މަސައްކަތްކުރާ އިންޑަސްޓްރީއަކަށް ބަދަލުވެގެންދިޔުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

''އެހެން ނަމަވެސް، ފުރަތަމަ މި ދެންނެވި ތިން ދާއިރާއަކީ، ދިވެހިން އެކަނި މަސައްކަތްކުރާ ދާއިރާތަކަށް ހެދުމަކީ، އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް. އެކަން މަސީގެ ފުރިހަމަ އެއްބާރުލުމާއި، މުޅި އިންޑަސްޓްރީގައި މަސައްކަތްކުރާ ހުރިހާ ބޭފުޅުންގެ އެއްބާރުލެއްވުމާ އެކީގައި އަޅުގަނޑުމެންނަށް ހާސިލުކުރެވޭނެ.'' ރައީސް ވިދާޅުވެފަވެއެވެ.