ވެރިފަރާތަށް ޕާސްޕޯޓު ދޫކުރުމުގައި އައިޑީ ކާޑު ބޭނުން ނުވާގޮތަށް ހަދައިފިއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅުގެ ދަށުން ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ވީހާވެސް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި، އިމިގްރޭޝަންގެ ޚިދުމަތްތައް ވެސް އެގޮތަށް ބައްޓަންކުރުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށް އެ އިދާރާއިން ބުނެއެވެ.
މި ބަދަލާއެކު މިއަދުން ފެށިގެން އައިޑީ ކާޑު ނުގެނައި ކަމުގައި ވީނަމަވެސް، ޕާސްޕޯޓު ވެރިފަރާތަށް ދޫކުރާނެއެވެ. އެގޮތުން، އިލެކްޓްރޯނިކް ޕާސްޕޯޓާއި ހަވާލުވުމަށް ވެރިފަރާތުން ހާޒިރުވާނަމަ މިހާރު އައިޑީ ކާޑު ގެނައުން ލާޒިމެއް ނުވާނެއެވެ. އަދި 18 އަހަރުނުވާ ކުދިންގެ ބެލެނިވެރިން ކުދިންނާއެކު ޕާސްޕޯޓާއި ހަވާލުވުމަށް ދާއިރު، އެފަރާތްތަކުގެ އައިޑީ ކާޑުގެ ފޮޓޯއެއް ދެއްކުމުން އައިޑީ ކާޑު ވެރިފައި ކޮށްދޭނެއެވެ.
ނޮން-އިލެކްޓްރޯނިކް އަދި އެމަޖެންސީ ޕާސްޕޯޓު ދޫކުރުމުގައި ވެސް ވެރިފަރާތުން ޕާސްޕޯޓާއި ހަވާލުވާނަމަ އައިޑީ ކާޑު ގެނައުން ލާޒިމެއް ނުވާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އަދި މަގުބޫލު ޢުޒުރެއް އޮވެގެން އެހެން ފަރާތަކުން ޕާސްޕޯޓާއި ހަވާލުވާނަމަ އިގުރާރު ސިޓީގައި އެފަރާތެއްގެ އައިޑީ ކާޑުގެ ސިރީއަލް ނަންބަރު ޖަހަންވާނެކަމަށާއި އެއަށްފަހު ޕާސްޕޯޓާއި ހަވާލުވުމަށް އައިސް އެފަރާތެއްގެ އައިޑީ ކާޑުގެ ފޮޓޯއެއް ދެއްކުމުން ވެރިފައި ކޮށްދޭނެ ކަމަށް ވެސް ބުންޏެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި އެ އިދާރާގެ މަގުސަދަކީ ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ގޮތުން، ޚިދުމަތް ހޯދުމަށްދާ ރައްޔިތުންގެ އަޑުއަހައި އެފަރާތްތަކަށް ދިމާވާ ދަތިތައް ހައްލުކޮށްދީ، އިމިގްރޭޝަންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!