ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމުގައި ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިންގާ ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ކަސްޓަމްސް އާއި އިމިގްރޭޝަންގެ ވެރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި އިހުސާން ވިދާޅުވީ މި ސަަރުކާރަކީ މަރުގެ ހުކުމް ތަންފީޒު ކުރަން ނިންމާފައިވާ ސަރުކާރެއް ކަމަށެވެ.
"އަޅުގަނޑުމެން ދިވެހި ސަރުކާރަކީ މިހާރުގެ ސަރުކާރަކީ މަރުގެ ހުކުމް ތަންފީޒު ކުރަން އަޅުގަނޑުމެން ވެސް ހަމަ ނިންމާފައި އޮތް ސަރުކާރެއް،" އިހުސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރާނީ ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ކަމަށެވެ.
"އަޅުގަނޑުމެން އެކަމާ ގުޅޭ ގޮތުން ކުރަންޖެހޭ ކަންކަން އަދި ބަލަންޖެހޭ ކަންކަން ބަލާފައި ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާއި އިމުގެ ތެރޭގައި އެކަން ކުރާނަން،" އިހުސާން ވިދާޅުވިއެވެ.
ރާއްޖޭގެ ސުޕްރީމް ކޯޓުން މިހާތަނަށް ވަނީ ހަތަރު މީހެއްގެ މައްޗަށް ކުރި މަރުގެ ހުކުމް ދަމަހައްޓައިފައެވެ. މަރުގެ ހުކުމް ތަންފީޒު ކުރެވޭނީ، ގާނޫނުގައިވާ ގޮތުން ސުޕްރީމް ކޯޓުން ހުކުމް ދަމަހައްޓައިފި ނަމައެވެ. އެކަމަކު މީގެކުރިން އުފެދުނު އެއްވެސް ސަރުކާރަކަށް މަރުގެ ހުކުމް ތަންފީޒު ކުރެވިފައެއް ނުވެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިސްކޮށް ހުންނަވައިގެން މަރުގެ ހުކުމް ތަންފީޒު ކުރަން މަސައްކަތް ކުރެއްވިއެވެ. އެކަމަށް އުސޫލެއް ހަދައި، ދަންޖެއްސުމުގެ ބަދަލުގައި އިންޖެކްޝަން ދީގެން މަރުގެ ހުކުމް ދޭން މަސައްކަތް ކުރި ނަމަވެސް އެކަން ފުރިހަމައެއް ނުކުރެވުނެވެ. އޭގެ ފަހުން އައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރަން މަސައްކަތް ކޮށްފައެއް ނުވެއެވެ.
ސުޕްރީމް ކޯޓުން މަރުގެ ހުކުމް ދެމެހެއްޓުމުގެ ސަބަބުން މަރުގެ ހުކުމް ތަންފީޒު ކުރުމުގެ މަރުހަލާގައި ހަތަރު މީހަކު އެބަ ތިއްބެވެ. އެ ހަތަރު މީހުންނަކީ ދީނީ އިލްމުވެރިޔާ އަދި އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝިމް އަލީ އަވަހާރަކޮށްލި މައްސަލައިގެ ގާތިލް ހުސެއިން ހުމާމް އަހުމަދާއި އަބްދުﷲ ފަރުހާދު މަރާލި މައްސަލައިގެ ގާތިލް ހުކުމް މުހައްމަދު ނަބީލް އާއި ވަކީލު އަހުމަދު ނަޖީބުގެ ގާތިލް އަހުމަދު މުއްރަތާއި އަލީ ޝިފާން (ތޮޅިޕެލޭ) ގެ ގާތިލް މުހައްމަދު ޝައިފަންއެވެ.
ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބު ތަންފީޒުކޮށްފައިވަނީ 1953 ވަނަ އަހަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!