ރައީސް އާއި ނައިބު ރައީސް އަދި ވަޒީރުންގެ މުސާރަ ބޮޑުކުރަން ރައީސް ޑރ. މުހައްމަދު ތާއީދު ނުކުރައްވާކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
އެ އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ޝަހީބު މިއަދު ވިދާޅުވީ، ރައީސް އާއި ނާއިބު ރައީސް އަދި ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން ނިންމީ ރައީސްގެ އެދިވަޑައިގަތުމަކާ ގުޅިގެންނެއް ނޫން ކަމަށެވެ.
އެއީ ރައީސް ޑރ. މުޢިއްޒު ތާއީދުކުރައްވާ ނިންމުމެއްނޫން ކަމަށް ވެސް އިސް ތަރުޖަމާނު ވިދާޅުވިއެވެ.
''ސަރުކާރުގެ އެންމެ އިސް މަސްއޫލުވެރީންގެ މަޝްވަރާއެއްވެސް ހޯއްދެވުމަކާނުލައި މިފަދަ ޙައްސާސް ނިންމުމެއް އެމްޑީޕީގެ ބޮޑު އަޣްލަބިއްޔަތެއް އޮތް ކޮމެޓީއަކުން މި ދަނޑިވަޅު ނިންމެވީ ސަރުކާރާމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށްކަމުގައި ދެކެން'' ޝަހީބު ވިދާޅުވެފަވެއެވެ.
އިސް ތަރުޖަމާނު މިހެން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ ކޮމެޓީން އިއްޔެ ވަނީ ރައީސްގެ މުސާރަ މަހަކު 120،000ރ. އަށް، ނައިބު ރައީސްގެ މުސާރަ 93،000ރ. އަށް ބޮޑު ކުރަން ފާސްކޮށްފައެވެ. އަދި ވަޒީރެއްގެ މުސާރަ މަހަކު 74،000ރ. އަށް ބޮޑުކުރަން ވެސް ފާސްކޮށްފަވެއެވެ.
ރައީސަކަށް މިހާރު ކަނޑައަޅާފައިވާ މުސާރަ އަކީ 100،000 ރުފިޔާއެވެ. ނައިބު ރައީސަކަށް މިހާރު ދެމުން އަންނަނީ މަހަކު 75،000ރ. އެވެ. އަދި ވަޒީރެއްގެ މިހާރުގެ މުސާރައަކީ މަހަކު 66،000ރ. އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!