މިއަހަރުގެ ނޮވެމްބަރު މަހު އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅާބަލާއިރު 21 އިންސައްތަ އިތުރުވެއްޖެއެވެ.

ކަސްޓަމްސް އިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުގައި މިއަހަރުގެ ނޮވެމްބަރު މަހު، އިމްޕޯޓާއި އެކްސްޕޯޓުން ދައުލަަށް ވަނީ 429 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ދައުލަތަށް ލިބުނީ 355 މިލިއަން ރުފިޔާއެވެ.

Ad
rt

ރާއްޖެއިން މި ނޮވެމްބަރު މަހު އެކްސްޕޯޓުކުރި މުދާވެސް، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ވަނީ އިތުރުވެފައެވެ. އެގޮތުން، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 165 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓު ކޮށްފައިވާއިރު، މިއަހަރުގެ ނޮވެމްބަރު މަހު 216 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓް ކޮށްފައެވެ. މިއީ 32 އިންސައްތައިގެ ކުރިއެރުމެކެވެ.

އާމްދަނީއާއި އެކްސްޕޯޓު އިތުރުވިނަމަވެސް، މިއަހަރުގެ ނޮވެމްބަރު މަހު އިމްޕޯޓު ވަނީ ދޭއް އިންސައްތަ ދަށްވެފައެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 4.4 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކުރިއިރު، މިއަހަރު އެތެރެކުރީ 4.3 ބިލިއަން ރުފިޔާގެ މުދަލެވެ.

މިއަހަރުގެ ނޮވެމްބަރު މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރީ ޔޫއޭއީއާއި، އިންޑިއާއާއި، އޮމާނާއި، ސިންގަޕޫރު އަދި ޗައިނާއިންނެވެ. އެގޮތުން، ޔޫއޭއީން 664 މިލިއަން ރުފިޔާގެ މުދާ އެތެރެކުރިއިރު، އިންޑިއާއިން 651 މިލިއަން ރުފިޔާގެ މުދާ، އޮމާނުން 513 މިލިއަން ރުފިޔާގެ މުދާ، ސިންގަޕޫރުން 421 މިލިއަން ރުފިޔާގެ މުދާ އަދި ޗައިނާއިން 420 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުގައި، މިއަހަރުގެ ނޮވެމްބަރު މަހު ރާއްޖެއިން ބޭރުން 131 އުޅަނދު އައިސްފައިވާއިރު، 139 އުޅަނދު ވަނީ ރާއްޖެއިން ފުރާފައެވެ.

މީގެ އިތުރުން މި އަހަރުގެ ނޮވެމްބަރު މަހު ރޯޔަލްޓީގެ ގޮތުގައި 11.7 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.