ކުޅުދުއްފުށި ސިޓީގައި ޕަބްލިކް ލައިބްރަރީ ތަރައްގީ ކުރުމުގެ މަސައްކަތް ކުރުމަށް އެ ކައުންސިލުން ބަޔަކާއި ހަވާލު ކޮށްފިއެވެ.

އެ ކައުންސިލުން މި މަސައްކަތް ގިބްސް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކޮށްފައި ވަނީ 1,888,380 (އެއް މިލިއަން އަށް ލައްކަ އައްޑިހަ އައްހާސް ތިން ސަތޭކަ އައްޑިހަ) ރުފިޔާއަށް، 129 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

Ad
rt

މި ޕަބްލިކް ލައިބްރަރީ ތަރައްގީ ކުރުމަށް ނިންމާފައި ވަނީ ކުރިން އެ ރަށުގައި މާރުކޭޓް ހިންގި އިމާރާތުގެ ބައެއްގައެވެ. އެ ސިޓީ ކައުންސިލުން ވަނީ އެ އިމާރާތުގައި މިއުޒިއަމް އެއް ތަރައްގީ ކުރުމަށް ވެސް ޕްލޭންގައި ހިމަނާފައެވެ. ނަމަވެސް އެ މަސައްކަތް ކުރުމަށް ނިންމާފައި ވަނީ ދެވަނަ ފިޔަވަހީގައެވެ.

ޕަބްލިކް ލައިބްރަރީ ތަރައްގީ ކުރާ ބައިގައި ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި ސީލިން ކުރުމާއި އޭސީ ހަރުކުރުނމުގެ އިތުރުން އެބައިގައި އުސްކޮން ތަޅުން އެޅުން ހިމެނެއެވެ.

މީގެއިތުރުން ވިނައިލް އެޅުމާއި ލައިޓިން އަދި ކަރަންޓް ނެޓްވޯރކް އެޅުމާއި ލައިބްރަރީގެ ފޮތްހަރުތަކާއި އިންޓީރިއާ މަސައްކަތްތަކާއި ލައިބްރަރީ އަދި މީޓިން ރޫމްތަކަށް ބޭނުންވާ ފަރުނީޗަރ ހޯދުމާއި އެތަނަށް ބޭނުންވާ ކޮމްޕިއުޓަރ ސިސްޓަމްތައް ހޯދުން ހިމެނެއެވެ.

މިގެއިތުރުން ތިން މީންޓިން ރޫމާއި ސްޓަޑީ ރޫމް ތަރައްގީ ކުރުމާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޑިޖިޓަލް ކިއޮސްކް ގާއިމް ކުރުމާއި އިމާރާތުގެ ދޮރުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމާއި އިމާރާތުގެ އެތެރެއާއި ބޭރުގައި ކުލަލުމާއި އެތަނުގެ ނަންބޯޑާއި އެކްސެސް ރޭމްޕް ހެދުމުގެ އިތުރުން އިމާރާތުގެ ފުރާޅުފެން ހިންދުމަށް ޑްރެއިން ޕިޓް ހެދުން ހިމެނެއެވެ.