ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ "ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445" ގެ އޮޑިޝަން ނިންމައި މުބާރާތަށް ބައިވެރިން ހޮވައިފިއެވެ.

މި މުބާރާތުގައި ބައިވެރިވާން ހުޅުވާލި ފުރުސަތުގެ ދަށުން ފޯމް ހުށަހެޅި ފަރާތްތަކުގެ މެދުގައި އޮޑިޝަން ކުރިއަށް ގެންގޮސްފައި ވަނީ މި ހަފްތާ ބަންދުގައެވެ. މުބާރާތަށް ހޮވޭ ބައިވެރިންނަށް ޓިކެޓް ހަވާލުކުރުމަށް ހާއްސަ ރަސްމިއްޔާތެއް މިއަދު ހެނދުނު ހއ.އަތޮޅު ކައުންސިލް ހޯލުގައި ބާއްވާފައިވާއިރު، އެ ރަސްމިއަޔާތުގައި ވަނީ އޮޑިޝަނުން އެންމެ މަތިން މާކްސް ހޯދި 20 ފަރާތުގެ ނަން އިއުލާންކޮށް މުބާރާތުގެ ޓިކެޓް ހަވާލު ކޮށްފައެވެ.

Ad
rt

މުބާރާތުން ފުރުސަތު ހޯދި 20 ބައިވެރިން

  • ޢީޝާ އަޙްމަދު ސިޔާމް - ގުލްދަމްގެ، ހއ. ތުރާކުނު
  • އާއިޝަތު ނީޝާން އާދަމް ނާފިޒު - އައިވީ ، ހއ. ދިއްދޫ
  • އާމިނަތު ޝިއުރާ އިބްރާހީމް - ޝެހެނާވިލާ، ހއ. ދިއްދޫ
  • ފާޠިމަތު ރިފްޢާ ރުޝްދީ - ނަޔާއަންދާޒްގެ، ހއ. ކެލާ
  • މަރްޔަމް ހިބާ ހުސައިން - ވިގޯރަސް ، ހއ. ދިއްދޫ
  • މަރްޔަމް ނާޔާ އަޙްމަދު - އަސްރިފާހައުސް، ހއ. ދިއްދޫ
  • ޢާއިޝަތު ރައިނާ ރަޝީދު - މާމުތީގެ، ހއ. ދިއްދޫ
  • ޢާއިޝަތު ރީޝް ނަސީމް - ވައްޓަރު، ހއ. ދިއްދޫ
  • މަރްޔަމް އަޒާ ޢާދިލް - ޖީޒާ، ހއ. ދިއްދޫ
  • ފާޠިމަތު ލުޖައިން އިބްރާހީމް - ހަވީރީފިނި ، ހއ. ދިއްދޫ
  • ޢަބްދުﷲ ޒައިން ބިން މުޙައްމަދު - ޝެހެނާއީ، ހއ. ދިއްދޫ
  • ޢަލީ ޒައުލް ޒިޔާއު - އިތާ، ހއ. ކެލާ
  • ޢުލްޔާ އިބްރާހީމް ޝަރީފް - ލަކީސްޓާރ، ހއ. ދިއްދޫ
  • ނިލާމާ ރަޝީދާ - އޭޝިޔާ، ހއ. ދިއްދޫ
  • އާމިނަތު ޝާޔާ މުޙައްމަދު ޝާހިދު - މާގަލަ، ހއ. ދިއްދޫ
  • ޔޫލީ މުޙައްމަދު ލަޠީފް - ޒުރިޔާނުގެ، ހއ. ދިއްދޫ
  • ޔަޢިޝާ ޔާސިރު އިބްރާހީމް - ދޭލިޔާގެ، ހއ. އިހަވަންދޫ
  • ޢާއިޝަތު އަސްވާ އަޙްމަދު - އަސްރަފީގެ، ހއ. ދިއްދޫ
  • އާމިނަތު އިޝާދާ އަޙްމަދު - އަސްރަފީގެ، ހއ. ދިއްދޫ
  • އިސްމާޢީލް މަޙްފޫޒު - ފެންފިޔާޒްގެ، ހއ. ކެލާ


މި މުބާރާތާއި ގުޅޭގޮތުން މިޑްލް ސްޕޯޓްސް ކުލަބުގެ ފަރާތުން ނަޝްވާން އިބްރާހީމް މި ނޫހަށް މަޢުލޫމާތު ދެމުން ބުނީ މި މުބާރާތުގައި ބައިވެރިވުމަށް 46 ފަރާތަކުން ފޯމް ހުށަހެޅި ނަމަވެސް އޮޑިޝަންގައި ބައިވެރިވެފައި ވަނީ 28 ފަރާތަކުން ކަމަށެވެ. އަމިއްލަ ސަބަބުތަކަކާއި ހުރެ 18 ވަރަކަށް ފަރާތުން އޮޑިޝަންގައި ބައިވެރިވެފައި ނުވާކަމަށެވެ.

އަންނަ ރަމަޟާން މަހު ކުރިއަށް ގެންދާ މި މުބާރާތަށް އަތޮޅު ތެރެއިން ދިއްދޫއަށް އަންނަ ބައިވެރިންގެ ދަތުރު ހަރަދާއި ހުރުމާއި ކެއުން ހިމެނޭހެން އެންމެހާ އިންތިޒާމްތައް މުބާރާތް ހިންގާ ފަރާތުން ހަމަޖައްސައިދޭނެއެވެ.

މި މުބާރާތަކީ ފާއިތުވި ދެ އަހަރު ރަމަޞާން މަހު ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުގެ ފަރާތުން "ދިއްދޫ އެންމެ އަލިގަދަތަރި" ނަމުގައި ކުރިއަށް ގެންގޮސްފައިވާ މުބާރާތެކެވެ. އެ ދެ އަހަރު މި މުބާރާތް ހާއްސަ ކޮށްފައި ވަނީ ދިއްދޫގައި ދިރިއުޅޭ ފަރާތްތަކަށެވެ. ނަމަވެސް މި އަހަރު މުބާރާތް ކުރިއަށް ގެންދަނީ މުޅި އަތޮޅަށް ހުޅުވާލައިގެންނެވެ.

މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެ އަތޮޅުގައި ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމާއި ތަޖުވީދުގެ ހަމަތަކާއި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ޤުރުއާން ކިޔަވަން ދަންނަ ބަޔަކު އަތޮޅުގައި އުފެއްދުމާއި ޤުރުއާން އުނގެނުމާއި އުނގައްނައި ދިނުމާއި ތަރުތީލުކޮށް ކިޔެވުމުގެ ގާބިލްކަން އުފެދޭނޭފަދަ ވާދަވެރި މާހައުލެއް އުފެއްދުމާއި ޤުރުއާން ހިތުދަސް ކުރުމުގެ ރޫހް ރަށަގެންނެވުމުގެ އިތުރުން ޤުރުއާނުގެ އެކި ފަންނުތަކަށް އަހުލުވެރި ކުރުވުމެވެ. އެ އަތޮޅުގައި ހާފިޒުން އުފެއްދުމާއި ރާއްޖެއާއި ރާއްޖެއިން ބޭރުންލިބޭ ޤުރުއާން މުބާރާތްތަކުގައި އެ އަތޮޅު ތަމްސީލްކުރާނޭ ދަރިންތަކެއް ތައްޔާރު ކުރުމަކީ ވެސް މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަގުސަދެކެވެ.

މިޑްލް ސްޕޯރޓްސް ކުލަބު ރަޖިސްޓްރީ ކޮށްފައި ވަނީ 9 ޖޫން 2016 ގައެވެ. އެ ޖަމިއްޔާއަކީ ދިއްދޫގެ ކުރިއެރުމަށް އެކި ދާއިރާތަކުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމިއްޔާއެކެވެ. މިގޮތުން ކުޅިވަރާއި ރަށުގެ އިޖްތިމާއީ، ދީނީ އަދި ތައުލީމީ ގޮތުން އެކި ޙަރަކާތް އެ ޖަމިއްޔާއިން އަންނަނީ ހިންގަމުންނެވެ.