ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް ކޯލިޝަން)އިން ބާއްވާ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީ އަންނަ ޖެނުއަރީ އަށް ފަސްކޮށްފިއެވެ.

މި ޕްރައިމަރީގެ ވޯޓުލުން ބާއްވަން ޕީޕީއެމް/ޕީއެންސީ އިއްތިހާދުން ކުރިން ނިންމާފައި ވަނީ 23 ޑިސެންބަރު 2023 ގައެވެ.

Ad
rt

ނަމަވެސް މިއަދު އެ އިއްތިހާދުން ނެރުނު ޢިއުލާނެއްގައި ބުނީ އެ ޕްރައިމަރީ އަންނަ ޖެނުއަރީ 20 އަށް ފަސްކޮށްފައިވާ ކަމަށެވެ.

ޕްރައިމަރީ ލަސްކުރި ސަބަބަކީ ކުރިން ޕްރައިމަރީ ބާއްވަން ނިންމި ތާރީޚު މިޑްޓާމް ސްކޫލް ބަންދާ ދިމާވާތީ ގިނަ އަދަދެއްގެ ރައްޔިތުން އުމުރާ އަށާއި ގައުމުން ބޭރަށް ފުރަން ނިންމާފައިވާތީ ޕްރައިމަރީގައި ވާދަކުރާ ގިނަ ކެންޑިޑޭޓުންނާއި، އިއްތިހާދުގެ ގިނަ އަދަދެއްގެ މެންބަރުން ޕްރައިމަރީ ލަސްކޮށްދޭން އެދުމުން ކަމަށް ޕީޕީއެމް/ޕީއެންސީން ބުނެއެވެ.

އެ އިއްތިހާދުން ބުނީ އެ ޕްރައިމަރީގައި ވާދަކުރުމުގެ ސުންގަޑި ހަމަވިއިރު ފޯމު ހުށަހެޅި ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވާ ކެންޑިޑޭޓުން ތަރުތީބު ކުރެވިފައިވާ ގޮތާއި އެ ކެންޑިޑޭޓުންގެ ނަންތައް ކުރިއަށް އޮތް ހަފުތާއެއްހާ ދުވަސްތެރޭ އާންމު ކުރާނެއެވެ.

މީގެ އިތުރުން ޕްރައިމަރީގެ ވޯޓާސް ލިސްޓާއި، ޕްރައިމަރީގައި ވޯޓުލުން ކުރިއަށް ގެންދާނެ ވަގުތު ވެސް ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އިއުލާން ކުރާނެ ކަމަށް ޕީޕީއެމް/ޕީއެންސީ އިއްތިހާދުން ބުނެފަވެއެވެ.