ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ "ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445" ގެ އޮޑިޝަން މިއަދު ފަށާނެއެވެ.
މި މުބާރާތަކީ ފާއިތުވި ދެ އަހަރު ރަމަޞާން މަހު ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުގެ ފަރާތުން "ދިއްދޫ އެންމެ އަލިގަދަތަރި" ނަމުގައި ކުރިއަށް ގެންގޮސްފައިވާ މުބާރާތެކެވެ. އެ ދެ އަހަރު މި މުބާރާތް ހާއްސަ ކޮށްފައި ވަނީ ދިއްދޫގައި ދިރިއުޅޭ ފަރާތްތަކަށެވެ. ނަމަވެސް މި އަހަރު މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އެ ކުލަބުން ވަނީ މުޅި ހއ.އަތޮޅަށް ހުޅުވާލާފައެވެ.
ހުޅުވާލި ފުރުޞަތުގެ ދަށުން މުބާރާތުގައި ބައިވެރިވުމަށް 46 ފަރާތަކުން ވަނީ ފޯމް ހުށަހަޅާފައެވެ. ނަމަވެސް މުބާރާތުން ފުރުޞަތު ދިނުމަށް ނިންމާފައި ވަނީ އޮޑިޝަނުން އެންމެ ރަނގަޅު ނަތީޖާ ހޯދާ 20 ބައިވެރިންނަށެވެ.
އޮޑިޝަން މި ހަފްތާ ބަންދުގައި ކުރިއަށް ގެންގޮސް ނިންމަން ވަނީ ތާވަލު ކޮށްފައެވެ. އޮޑިޝަންގެ ސެސަންތައް ކުރިއަށް ގެންދަނީ ހއ.އަތޮޅު ކައުންސިލްގެ ހޯލުގައެވެ. އޮޑިޝަނުން މުބާރާތަށް ހޮވޭ ބައިވެރިން އިއުލާން ކުރަން ނިންމާފައި ވަނީ އަންނަ އާދީއްތަ ދުވަހު 10:00 ގައި އެކަމަށްޓަކައު ހއ.އަތޮޅު ކައުންސިލް ހޯލުގައި ބާއްވާ ރަސްމިއްޔާތެއްގައެވެ.
މި މުބާރާތް ބޭއްވުމަށް ތާވަލު ކޮށްފައި ވަނީ އަންނަ ރަމަޟާން މަހުއެވެ. މުބާރާތަށް ހޮވޭ ބައިވެރިންގެ ހުރުމާއި ކެއުމުގެ އިތުރުން އާރުޓީއެލް ފެރީގެ ޓިކެޓް، އިންތިޒާމް ކުރާ ފަރާތުން ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ.
މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެ އަތޮޅުގައި ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމާއި ތަޖުވީދުގެ ހަމަތަކާއި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ޤުރުއާން ކިޔަވަން ދަންނަ ބަޔަކު އަތޮޅުގައި އުފެއްދުމާއި ޤުރުއާން އުނގެނުމާއި އުނގައްނައި ދިނުމާއި ތަރުތީލުކޮށް ކިޔެވުމުގެ ގާބިލްކަން އުފެދޭނޭފަދަ ވާދަވެރި މާހައުލެއް އުފެއްދުމާއި ޤުރުއާން ހިތުދަސް ކުރުމުގެ ރޫހް ރަށަގެންނެވުމުގެ އިތުރުން ޤުރުއާނުގެ އެކި ފަންނުތަކަށް އަހުލުވެރި ކުރުވުމެވެ. އެ އަތޮޅުގައި ހާފިޒުން އުފެއްދުމާއި ރާއްޖެއާއި ރާއްޖެއިން ބޭރުންލިބޭ ޤުރުއާން މުބާރާތްތަކުގައި އެ އަތޮޅު ތަމްސީލްކުރާނޭ ދަރިންތަކެއް ތައްޔާރު ކުރުމަކީ ވެސް މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަގުސަދެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!