ކުޅުދުއްފުށީ ސިޓީގެ ބަހާދަރު ބޯޓު ރޭ ނ. ދެކަނަންފަރު ކައިރިން ފަރަށް އަރައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި ބޯޓު ފަރަށް އެރީ މާލެއިން ފުރައިގެން ހދ. ކުޅުދުއްފުށީ ސިޓީ އަށް ދަތުރުކުރަމުން ދަނިކޮށް ކަމަށެވެ.

Ad
rt

ފަރަށް އެރިއިރު ބޯޓުގައި 10 ފަޅުވެރިންނާއި، ހަ އަންހެނުންނާއި، ހަ ކުޑަކުދިން ހިމެނޭހެން ޖުމްލަ 58 މީހުންނާ އެކު ދަތުރުކުރަމުންދިޔަ އެވެ.

ބަހާދަރު ބޯޓު، ނ. ދެކަނަންފަރު ކައިރިން ފަރަށް އަރައިގެން އުޅޭ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ލިބުނީ ރޭ ދަންވަރު 02:30 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެ މައުލޫމާތު ލިބުމާއެކު، އެ ބޯޓުން ދަތުރުކުރި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބޯޓު އޮތް ސަރަހައްދަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ހާބަރކްރާފްޓް 116 މިއަދު ފަތިހު ބޯޓު އޮތް ސަރަހައްދަށް ގޮސް، ބޯޓުގައި ތިބި މީހުންގެ ތެރެއިން 17 މީހުން ހާބަރކްރާފްޓަށް ނަގައިގެން ހެނދުނު 06:08 ހާއިރު ވަނީ އެ މީހުން ށ. ކޮމަންޑޫއަށް ގެންގޮސްދީފައެވެ.

ބޯޓުގައި ތިބި މީހުން ސަލާމަތްކޮށްގެން ކޮމަންޑޫ އަށް ބާލަނީ، ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި އެ ބޯޓުގައި މިހާރު 10 ފަޅުވެރިން މަޑުކޮށްގެން އެބަތިއްބެ. ބާކީ 31 މީހުން، "ފްލަޔިންގ ފިޝް 17" ނަކަމަށް ކިޔާ ދޯންޏެއްގައި ހދ. ކުޅުދުއްފުއްޓަށް ގެންދިޔުމަށް ދަތުރު ފަށާފައިވާކަމަށް އެ އިދާރާއިން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ ފަރަށް އަރާފައިވާ ބަހާދަރު ބޯޓު ފުންކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.