ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ޤައުމިއްޔަތު އިޢާދަކުރުމުގެ ޤައުމީ ނިޒާމުގެ ތެރެއިން ތިން އިދާރާއެއް ގާއިމު ކުރަން އިއްޔެ ނިންމަވައިފިއެވެ.

އެ އިދާރާތަކަކީ ދިވެހި ޤައުމީ ތަރިކަ ދިރާސާކުރާ މަރުކަޒާއި، ދިވެހި ޤައުމީ ތަރިކައިގެ ކޮލެޖާއި އަދި ދިވެހި ޤައުމީ ޗާޕުޚާނާ އެވެ.

Ad
rt

ރައީސް މި ނިންމުން ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހު، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅު ހޯއްދެވުމަށްފަހުއެވެ.

މިތަންތަން ގާއިމު ކުރުމަކީ ރައީސް މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ މަގުޗާޓު ''ހަފުތާ 14'' ގައިވެސް ހިމަނާފައިވާ ކަމެކެވެ.

ދިވެހި ޤައުމިއްޔަތު އިޢާދަކުރުމުގެ ޤައުމީ ނިޒާމު ގާއި ކުރުމުގެ މަސައްކަތަކީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ދަށުން ހިންގާ މަސައްކަތެކެވެ.

މިގޮތުން އަލަށް އުފައްދާ ތިން އިދާރާގެ ތެރެއިން ތަރިކައިގެ ކޮލެޖުގެ މަސްއޫލިއްޔަތަކީ މި ދާއިރާއިން ޢިލްމީ ޤާބިލު ބަޔަކު އުފައްދައި، ދިރާސާވެރީން ހޯދައި ކިޔަވައިދިނުމާއި ދިވެހި އަމިއްލަވަންތަކަމުގެ ޢިލްމީ ޤާބިލުކަން މީހުންގެ ކިބައިގައި އަށަގެންނެވުމެވެ.

ޤައުމީ ތަރިކަ ދިރާސާކުރާ މަރުކަޒުގެ ދައުރަކީ، ދިވެހިވަންތަކަމުގެ ޢިލްމެއް އުފަންކޮށް އިޢާދަކޮށް ދެމެހެއްޓުމުގައި ދެމިއޮތުމެވެ. މިގޮތުން، ދިވެހި ޤައުމިއްޔަތު އިޢާދަކުރުމަށް ބޭނުންވާ ޢިލްމީ މަޢުލޫމާތުތައް އެއްކުރުމާއި، ދިރާސާކޮށް ޢިލްމީ ލިޔުންތައް އެކުލަވާލުމާއި، ދިރާސާތައް ޝާއިޢުކުރުމާއި ޤައުމިއްޔަތުގެ ޢިލްމީ ކޮންފަރެންސްތައް ބޭއްވުމާއި އަދި ޤައުމިއްޔަތުގެ ޢިލްމަށް ހޭލުންތެރިކުރުވުން މީގެތެރޭގައި ހިމެނެއެވެ. އަދި ދިވެހި ޤައުމީ ޗާޕުޚާނާގެ ދައުރަކީ މި ނިޒާމުން އުފައްދާ ދިވެހީންގެ ދިވެހި އުފެއްދުންތައް އާންމުކޮށް ފެތުރުމެވެ.