ސްޕެނިޝް ލީގުގައި ބާސެލޯނާ އަތުން ހޯދި ތާރީހީ މޮޅާއިއެކު ޖިރޯނާ ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.
ރޭ ބާސާގެ ދަނޑުގައި ކުޅުނު މެޗު ޖިރޯނާއިން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއިންނެވެ. މިއީ ތާރީހުގައި ވެސް ޖިރޯނާއަށް ބާސާގެ މައްޗަށް ކުރި ހޯދުނު ފުރަތަމަ ފަހަރެވެ.
މި މެޗުން ބަލިވުމާއިއެކު ބާސާ ވަނީ ޕޮއިންޓް ތާވަލުގެ ހަތަރު ވަނައަށް ވެއްޓިފައެވެ. ބާސާއަށް 16 މެޗުން 34 ޕޮއިންޓް ލިބިފައިވާއިރު 15 މެޗުން ހޯދި 34 ޕޮއިންޓާއިއެކު އެތުލެޓިކޯ މެޑްރިޑް އޮތީ ތިންވަނާގައެވެ. ދެވަނާގައި ރެއާލް މެޑްރިޑް އޮތީ 16 މެޗުން ލިބުނު 39 ޕޮއިންޓާއި އެކުގައެވެ. ތާވަލުގެ އެއްވަނާގައި ޖިރޯނާ އޮތީ 16 މެޗުން ހޯދި 41 ޕޮއިންޓާއި އެކުގައެވެ.
މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ބާސާއިން ކުޅުނު ނަމަވެސް ޖިރޯނާ ފެނުނީ ލިބޭ ބޯޅަތަކުގައި އިތުބާރާއިއެކު ކުޅެ ބާސާއަށް ނުރައްކާކުރި މަންޒަރެވެ. ހާއްސަކޮށް މުޅި މެޗުގައި ވެސް ޖިރޯނާގެ މޮޅު ކައުންޓަ އެޓޭކްތައް ހުއްޓުވުމުގައި ބާސާއަށް ހައްލެން ނުހޯދުމީ މެޗުން ބަލިވާން ދިމާވި މައިގަނޑު ސަބަބެވެ.
މެޗުގެ ފުރަތަމަ ލަނޑު 12 ވަނަ މިނެޓުގައި ޖިރޯނާއަށް ލަނޑު ޖަހައިދިނީ ޑޮވްބިކްއެވެ. ޖިރޯނާއިން ލަނޑުޖެހިތާ ހަ މިނެޓް ފަހުން ބާސާއަށް ލިބުނު ކޯނަރަކުން ރަފީނިއާ ހުރަސްކުރި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ބާސާއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ލެވަންޑޯސްކީއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖިރޯނާއިން ދެވަނަ ފަހަރަށް ލީޑު ނެގިއެވެ. މި ލަނޑު 40 ވަނަ މިނެޓުގައި ޖަހައިދިނީ މިގުއެލް ގުޓިއަރޭޒްއެވެ.
ދެވަނަ ހާފުގައި ބާސާގެ ފަރާތުން ފެނުނީ ފުރަތަމަ ހާފަށްވުރެ ރަނގަޅު ކުޅުމެކެވެ. ނަމަވެސް މި ހާފުގައި ވެސް ޖިރޯނާއިން ދިޔައީ ކައުންޓަ އެޓޭކްގައި ބާސާއަށް ނުރައްކާ ކުރަމުންނެވެ. ޖިރޯނާގެ ކީޕަރު ފަހަތުން ކުޅުނު ދިގު ބޯޅައެއް ބޮލުން ކުޅެލައި ސްޓުއާނީ ތަނަވަސް ކޮށްދިން ފުރުޞަތުގައި ޖިރޯނާއަށް ލީޑު ފުޅާކޮށްދިނީ ފެނާންޑޭޒްއެވެ.
މެޗުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ގުންޑަގަން ވަނީ ބާސާއަށް ދެވަނަ ލަނޑު ޖަހައި އުންމީދެއް ހޯދައިދީފައެވެ. ނަމަވެސް އިތުރު ވަގުތުގެ ފަހުވަގުތު ސްޓުއާނީ ވަނީ ޖިރޯނާއަށް ހަތަރުވަނަ ލަނޑު ޖަހައިދީ ތިން ޕޮއިންޓް ކަށަވަރު ކޮށްދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!