ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ތުރުކީވިލާތުގެ ވެރިރަށް އަންކާރާގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ޤާއިމުކުރުމަށް މިއަދު ނިންމަވައިފިއެވެ.
ރައީސް މި ނިންމުން ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ދިވެހި ޚާރިޖީ ވުޒާރާއިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހު، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅު ހޯއްދެވުމަށްފަހުއެވެ.
ރައީސް އޮފީހުން ބުނިގޮތުގައ ރައީސްގެ މި ނިންމެވުމަކީ ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު އޮންނަ ގުޅުން މިހާރަށް ވުރެ ފުޅާކޮށް، ދެޤައުމުގެ ދެމެދުގައި އޮންނަ ސިޔާސީ، އިޤްތިޞާދީ، އަދި ޘަޤާފީ ގުޅުންތައް އިތުރަށް ކުރި އެރުވުމަށްޓަކައި ނިންމެވި ނިންމެވުމެކެވެ.
މި ނިންމެވުން ނިންމެވީ، ތުރުކީވިލާތަކީ އާންމު ދިރިއުޅުމުގައި ބޭނުންކުރާ ގިނަ ބާވަތްތަކުގެ މުދާ (އެސެންޝަލް ކޮމޯޑިޓީސް) ދިވެހިރާއްޖެއަށް އެތެރެކުރާ ޤައުކަމަށްވުމާއި، ރާއްޖެއަށް އެތެރެކުރަންޖެހޭ އެހެނިހެން މުހިންމު ސާމާނު ވެސް ފަސޭހަކަމާއެކު ލިބެން ހުރި ޤައުމަކަށްވާތީ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
މި ނިންމުން ނިންމި އިތުރު މަގުސަދުގެ ތެރޭގައި ތުރުކީވިލާތުގެ އިންވެސްޓްމަންޓްތައް ރާއްޖޭގައި ކުރިއަރުވައި ރާއްޖޭގެ އުފެއްދުންތައް ތުރުކީވިލާތަށް އެކްސްޕޯޓު ކުރުމަށްވެސް އިތުރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހުން މީގެ ތެރޭގައި ހިމެނޭ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.
މީގެ އިތުރުން ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން މަތީ ތަޢުލީމު ޙާސިލުކުރުމަށް ތުރުކީވިލާތަށް ދިއުމާއި، އެޤައުމަށް ދާ ދިވެހި ފަތުރުވެރިންގެ ޢަދަދު ވެސް ވަރަށް ބާރު ދުވެލީގައި އިތުރުވަމުން ދިއުން ވެސް މިިނިންމުން ނިންމި ސަބަބުތަކުގެ ތެރޭގައި ހިމެނެެއެވެ.
ތުރުކީގެ އަންކާރާގައި ދިވެހިރާއްޖޭގެ އެމްބަސީ ޤާއިމުކުރުމުން ކޮންސިއުލަރ ޚިދުމަތްތައް ވެސް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެހިގެން ދާނެއެވެ.
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1979 މޭ 28 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!