ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބޭއްވި އިހަވަންދޫ ކައުންސިލް ކަޕް ފުޓްސަލް މުބާރާތް 2023، ގެ ޗެމްޕިއަންކަން ޖަންގަލް އިން ކާމިޔާބު ކޮށްފިއެވެ.

އިއްޔެ ހަވީރު އިހަވަންދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމް ކަމަށްވާ އެންވީކޭއާއި ޖަންގަލް އެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 1-1 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ޖަންގަލް އިން މެޗު ކާމިޔާބުކުރީ 6-5 ގެ ނަތީޖާއިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ޖަންގަލްގެ ކީޕަރު މުހައްމަދު އާދިލް އެވެ. އޭނާ ވަނީ އެންވީކޭއިން ފޮނުވާލި ދެ ޕެނަލްޓީއެއް މަތަކޮށްފައެވެ.

Ad
rt

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން

ޝިފާޒް އިބްރާހީމް – ޖަންގަލް

ހަސަން ޒަކީ – ޖަންގަލް

މުހައްމަދު އާދިލް – ޖަންގަލް

މުހައްމަދު ސާޖިދު – އެންވީކޭ

އަހްމަދު ބައްސާމް - އެންވީކޭ

މުބާރާތުގެ ބެސްޓް ޔަންގް ޕްލޭއާގެ މަގާމަށް ޓީމް އެސްސީގެ މުހައްމަދު މަދީހް ހޮވުނުއިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޖަންގަލްގެ ކޯޗް ހުސެއިން ފަޔާޒްއެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކީ ކުޅިމަގެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ޖަންގަލްގެ ޝިފާޒް އިބްރާހީމް އެވެ.

މިއީ އިހަވަންދޫ ކައުންސިލުން މި މުބާރާތް ބޭއްވި ހަވަނަ ފަހަރެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ އެންވީކޭއެވެ. އެ ޓީމުން މި މުބާރާތް ހަތަރު ފަހަރު ކާމިޔާބު ކޮށްފައިވާއިރު، މިއީ ޖަންގަލް މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.