މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު ކުޑަކުރުމަށް ޤައުމުތަކުން އަޅާ ފިޔަވަޅުތައް ވަޒަންކުރާ "ގްލޯބަލް ސްޓޮކްޓޭކް" އިން، ޕެރިސް އެއްބަސްވުމާ އެއްގޮތަށް، ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށް އަމާޒު ހިފަންޖެހޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ކޮޕް28 ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓްގައި މިއަދު ޤައުމީ ބަޔާން އިއްވަވަމުންނެވެ.

Ad
rt

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގައި ކުރިއަށްދާ މި ބައްދަލުވުމުގައި ޤައުމީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު ކުޑަކުރުމަށް ޤައުމުތަކުން އަޅާ ފިޔަވަޅުތައް ވަޒަންކުރާ "ގްލޯބަލް ސްޓޮކްޓޭކް" އިން، ޕެރިސް އެއްބަސްވުމާ އެއްގޮތަށް، ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށް އަމާޒު ހިފުމަކީ ކޮޕް28އަށް ރާއްޖެއިން ކުރާ އުންމީދު ކަމަށެވެ.

ރައީސްގެ ބަޔާނުގައި ވަނީ، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ފައިސާ ހޯދުމަށް ކުރިމަތިވާ އުނދަގޫތައް ހައްލު ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި އެ މަސައްކަތް ބިނާވާންޖެހޭނީ ޤައުމުތަކުގެ މެދުގައި ހަމަހަމަ، އަދި ލިބެންހުރި އެންމެ ރަނގަޅު ސައިންޓިފިކް ހޯދުންތަކުގެ މައްޗަށް ކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ފަސޭހައިން ފައިސާ ހޯދޭނެ ނިޒާމެއް ޤާއިމްވާން ޖެހޭކަން ވެސް ރައީސްގެ ބަޔާނުގައި ފާހަގަކުރެއްވިއެވެ. އަދި ފައިސާ ދިނުމުގައި ބަލާ މިންގަނޑުތައް ވެސް އަލުން މުރާޖަޢާކުރަން ޖެހޭކަން ވެސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސް އިއްވެވި ޤައުމީ ބަޔާނުގައި ވަނީ މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިވާ، 'ލޮސް އެންޑް ޑެމޭޖް ފަންޑު' ބޭނުންކުރަން ފެށުމަށް، އިއްޔެ ނިންމި ނިންމުމަށް މަރުހަބާ ވިދާޅުވެފައެވެ.