ހިމަބިހި (މީސްލްސް) ވެކްސިން ދިނުމުގެ ޤައުމީ ކެމްޕެއިނެއް ކުޅުދުއްފުށީ ސިޓީގައި މިއަދު ލޯންޗްކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނިގޮތުގައި މިއީ ހިމަބިހި (މީސްލްސް) އަދި ރުބެއްލާއިން ރައްކާތެރިކުރުމުގެ ގޮތުން ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ފެށި ހިމަބިޖި ވެކްސިން ދިނުމުގެ ޤައުމީ ކެމްޕޭނެކެވެ.

Ad
rt

މިކަމަށް ކުޅުދުއްފުށީ ސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ކެމްޕޭން ލޯންޗްކޮށްދެއްވީ ޞިއްޙީ ވުޒާރާގެ ސްޓޭޓް ވަޒީރު، އަޙްމަދު ޤާސިމްއެވެ.

ދިވެހިރާއްޖޭގައި އެމްއާރު ވެކްސިން 1983 ވަނަ އަހަރު ތަޢާރަފް ކޮށްފައިވާއިރު، މިހާރުގެ ޤައުމީ ވެކްސިން ތާވަލުގައި ފުރަތަމަ ޑޯޒް އުމުރުން 9 މަހުގެ ކުދިންނަށް އަދި ދެވަނަ ޑޯޒް އުމުރުން 18 މަހުގެ ކުދިންނަށް ދެވެމުންދެއެވެ.

ވޭތުވެދިޔަ އަހަރުތަކުގައި މިސްލްސް ރުބެއްލާ ވެކްސިން ކަވަރޭޖް ވަނީ 95 އިންސައްތައަށް ވުރެން މަތީގައި ހިފެހެއްޓިފައިކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެހެންކަމުން 2017 ވަނަ އަހަރު ދިވެހިރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި އަދި 2020 ވަނަ އަހަރު ރުބެއްލާ ނައްތާލެފައިވާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ވަނީ ކަނޑައަޅާފައެވެ.

2020 ވަނަ އަހަރު ރާއްޖެއިން ޕީ.ސީއާރ ޕޮޒިޓިވް މީސްލްސްގެ ކޭސްތަކެއް ވަނީ ފެނިފައިވާއިރު، މި ކޭސްތައްފެނުމާއި ގުޅިގެން، 2020 ވަނަ އަހަރު މުޅި ރާއްޖެއަށް ހުޅުވާލައިގެން އެމްއާރު ކެމްޕޭން ވަނީ ފަށާފައެވެ. އެހެންނަމަވެސް ކޮވިޑުގެ ބަލިމަޑުކަމާއެކު މި ކެމްޕޭން މެދުކަނޑާލަން ޖެހުނެވެ. އޭގެ ފަހުން މިއަހަރު ހިމަބިހީގެ ކޭސްތަކެއް ފެނުމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ސަރުކާރުން ވަނީ އަޅާފައެވެ.

ހިމަބިއްސަކީ ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔަކަށްވުމާއެކު، ބަލީގެ ކޭސްތައް ފެނުން މަދުކުރުމަށްޓަކައި މުޅި މުޖްތަމައުގެ ވެކްސިން ކަވަރޭޖް ވަރަށް މަތީގައި ހިފަހައްޓަންޖެހޭކަން އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައެވެ.

މިއަދު މިފެށި ކެމްޕޭނުގެ އަމާޒަކީ 18 އަހަރާއި 49 އަހަރާއި ދެމެދުގެ މީހުންގެ (ދިވެހިންނާއި ބިދޭސީން) ތެރެއިން މީސްލްސް ވެކްސިންގެ 2 ޑޯޒް ފުރިހަމަ ނުވާ ފަރާތްތަކަށް ވެކްސިން ދިނުންކަމަށާއި، އަދި ޞިއްޙީ ޚިދުމަތްތެރިންގެ ތެރެއިން މީސްލްސް ވެކްސިންގެ 2 ޑޯޒް ފުރިހަމަ ނުވާ ފަރާތްތަކަށްވެސް މި ކެމްޕޭންގެ ތެރެއިން ވެކްސިން ދިނުމަށްވަނީ ހަމަޖެހިފައިކަމަށް އެ އިދާރާއިން ބުނެއެވެ.

މިއަދު ފެށި މި ކެމްޕޭނާއެކު، ކުރިއަށް އޮތް ދެހަފުތާ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ވެކްސިން ޖެހުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.