ސްޕެއިން މޮޅުވިއިރު، ގަވީއަށް އަނިޔާވެއްޖެ

IMG_2553

ޔޫރޯ 2024، ކޮލިފައިންގެ ގްރޫޕް އޭގެ ފަހު މެޗުގައި ސްޕެއިންއާއި ޖޯޖިއާ ބައްދަލުކުރި މެޗު 3-1 ގެ ނަތީޖާއިން ސްޕެއިނުން ކާމިޔާބުކުރިއިރު، އެ ޓީމްގެ ޒުވާން މިޑްފީލްޑަރ ގަވީއަށް އަނިޔާވެއްޖެއެވެ.

ރޭ މެޗަށް ނުކުތްއިރު ވެސް ސްޕެއިން އޮތީ ޔޫރޯއިން ޖާގަ ކަށަވަރު ކޮށްފައެވެ. މި މެޗުގައި ސްޕެއިނުން ވަނީ ހަތަރުވަނަ މިނެޓުގައި ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު ފެރާން ޓޯރޭސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ލެ ނޯމަންޑްއެވެ. ސްޕެއިނުން ލަނޑުޖެހިތާ ހަ މިނެޓް ފަހު ނަޕޯލީއަށް ކުޅެމުން އަންނަ ޖޯޖިއާގެ އެޓޭކިން މިޑްފީލްޑަރ ކްވަރަސްޚޭލިއާ ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ.

ސްޕެއިން އާއި ބާސެލޯނާގެ ވެސް މެދުތެރޭ އެންމެ މުހިންމު ދައުރެއް އަދާކުރަމުން އަންނަ އުމުރުން 19 އަހަރުގެ ގަވީގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާއި ގުޅިގެން، 26 ވަނަ މިނެޓުގައި ވަނީ ބަދަލު ކޮށްފައެވެ. ރިޕޯޓްތައް ބުނާގޮތުން މި އަނިޔާގެ ސަބަބުން ގަވީ ދިގު މުއްދަތަކަށް ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެއެވެ. ގަވީވަނީ މިހާތަނަށް ގައުމީ ޓީމަށް 27 މެޗު ކުޅެފައެވެ. އަދި ބާސާއަށް ވަނީ 111 މެޗު ކުޅެފައެވެ.

މެޗުން ސްޕެއިން މޮޅުވީ ފަހު ހާފުގައި ކާމިޔާބު ކުރި ލަނޑުތަކުންނެވެ. އެ ޓީމްގެ ދެވަނަ ލަނޑު 55 ވަނަ މިނެޓުގައި ގަޔާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ފެރާން ޓޯރޭސް ކާމިޔާބު ކޮށްދިންއިރު ތިންވަނަ ލަނޑަކީ ޖޯޖިއާގެ ޑިފެންޑަރެއްގެ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.

މި މޮޅާއިއެކު ގްރޫޕް އޭގެ އެއްވަނާގައި އޮތީ ސްޕެއިން އެވެ. އެ ޓީމަށް 8 މެޗުން ވަނީ 21 ޕޮއިންޓް ލިބިފައެވެ. މި ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައި ސްކޮޓްލެންޑު ވެސް ވަނީ ޔޫރޯއިން ޖާގައެއް ކަށަވަރު ކޮށްފައެވެ. ރޭ ސްކޮޓްލެންޑާއި ނޯވޭ ބައްދަލުކުރި މެޗު ނިމުނީ 3-3 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ. އެ ޓީމަށް 8 މެޗުން ވަނީ 17 ޕޮއިންޓް ލިބިފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *