ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކޮށް، ސަރުކާރުގެ އަމާޒަށް ވާސިލްވުމަށް މަސައްކަތް ކުރުމަށް ތިން ކައުންސިލެއް މިއަދު އެކުލަވާލައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވިގޮތުގައި ސަރުކާރުން މިއަދު އެކުލަވާލި ވަޒީރުންގެ މަޖިލީހުގެ ތިން ކައުންސިލަކީ، ސޯޝަލް ކައުންސިލާއި، އިކޮނޮމިކް ކައުންސިލާއި، ވިޒިޓަރ އިކޮނޮމިކް ކައުންސިލެވެ.
މިކައުންސިލުތަކުގެ ތެރެއިން މުޅިން އަލަށް އެކުލަވާލެއްވި ވިޒިޓަރ އިކޮނޮމިކް ކައުންސިލު ޗެއާ ކުރައްވާނީ ސީދާ ރައީސް، ޑރ. މުޙައްމަދު މުޢިއްޒެވެ. ސޯޝަލް ކައުންސިލް ޗެއާ ކުރައްވަނީ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފެވެ. އަދި އިކޮނޮމިކް ކައުންސިލު ޗެއާ ކުރައްވަނީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ވަޒީރު މުޙައްމަދު ސަޢީދެވެ.
ސަރުކާރުން އަލަށް އެކުލަވައިލި ވިޒިޓަރ އިކޮނޮމިކް ކައުންސިލަކީ، ރާއްޖޭގެ އިޤްތިޞާދުގެ މައި އަސާސްކަމުގައިވާ ފަތުރުވެރިކަން ފުޅާކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވާ ވިދާޅުވުމާ އެއްގޮތަށް އެކަން ހާސިލުކުރުމަށް އުފެއްދި ކައުންސިލެއް ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. އެ ކައުންސިލުގެ މެންޑޭޓްގެ ގޮތުގައި ހިމެނޭ އަނެއްކަމަކީ ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުމެވެ.
މިއަދު ބާއްވާފައި ވަނީ މި ސަރުކާރުގެ ފުރަތަމަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެވެ.
މި ސަރުކާރު އެކުލެވިގެން ވަނީ 22 ވުޒާރާއެއްގެ މައްޗަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!