ހދ. އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ ”ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2023" ގެ އަންހެން ބައިގެ ފައިނަލުގެ ފުރަތަމަ ޖާގަ ނޮޅިވަރަންފަރު ލައިކަން ހޯދައިފިއެވެ.

މި މުބާރާތް ރާވާލާފައި އޮތީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލު ކުރުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭ ގޮތަށެވެ. އިއްޔެ ހަވީރު ހަނިމާދޫއާއި ލައިކަން ބައްދަލުކުރި މެޗު ލައިކަން އިން ވަނީ ތިން ސެޓް އެއް ސެޓުން ކާމިޔާބުކޮށް، ގްރޫޕް ބުރުގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓާއިއެކު ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފައެވެ. މެޗުގެ ސެޓްތައް ދިޔައީ ( 25/16، 27/25، 17/25، 25/23 ) އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ލައިކަންގެ ޖޯޒީ ނަމްބަރ 2، މަރިޔަމް އަޒީފާއެވެ.

Ad
rt

އިއްޔެ މެޗުން ބަލިވި ނަމަވެސް ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައި ހަނިމާދޫއަށް ވަނީ ސެމީ ފައިނަލުން ޖާގަ ލިބިފައެވެ. ސެމީ ފައިނަލުގައި ހަނިމާދޫއާއި ވާދަކުރަން ޖެހޭ ޓީމެއް ޔަގީންވެގެން ދާނީ މިއަދު ހަވީރު ކުޅުދުއްފުށީ ހިރަފުސް ސްޕޯޓްސް ކުލަބާއި ވައިކަރަދޫ ވިޔެސް ބައްދަލުކުރާ މެޗަށް ފަހުއެވެ. ވިޔެސް މުބާރާތުން ކަޓާފައިވާއިރު ތާވަލުގެ ތިންވަނަ ހޯދައި ސެމީގެ ޖާގަ ހޯދުމުގެ ފުރުޞަތު އޮތީ ހިރަފުހަށާއި ނޭކުރެންދޫ ވޮލީ ޓީމަށެވެ.

އަންހެން ބައިގެ ސެމީ ފައިނަލް މެޗު ކުޅުމަށް ތާވަލު ކޮށްފައި ވަނީ މި މަހުގެ 12 ވަނަ ދުވަހު ހަވީރުއެވެ. އަންހެންބައިގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 14 ވަނަ ދުވަހުގެ ހަވީރުއެވެ.

މި މުބާރާތުގެ ކޮންމެ ޑިވިޝަނަކުން ޗެމްޕިއަންކަން ހޯދާ ޓީމަކަށް 35000 (ތިރީސް ފަސްހާސް) ރުފިޔާ އަދި ކޮންމެ ޑިވިޝަނަކުން ރަނަރަޕް ހޯދާ ޓީމަކަށް 15000 (ފަނަރަހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.