ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ "ތިލައުތުރު ފުޓްސަލް މުބާރާތް 2023" ގެ ފައިނަލުން އުތީމާއި ވަށަފަރު ޖާގަ ހޯދައިފިއެވެ.

މި މުބާރާތުގެ ސެމީ ފައިނަލް ދެ މެޗު މިއަދު ހަވީރު މާރަންދޫގައި ކުޅެފައިވާއިރު ފުރަތަމަ ސެމީގައި ބައްދަލުކުރީ އުތީމާއި މުރައިދޫއެވެ. މި މެޗު ފުރިހަމަ ވަގުތު ހަމަވިއިރު 0-0 ގެ ނަތީޖާއިން ދެ ޓީމް އޮތީ އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި މުރައިދޫ މައްޗަށް އުތީމުން ކުރިހޯދީ 6-5 ގެ ނަތީޖާއިންނެވެ.

Ad
rt

މުބާރާތުގެ ސެމީ ފައިނަލް ދެވަނަ މެޗުގައި ބައްދަލުކުރީ އެންމެ ފަހުގެ ޗެމްޕިއަން ފިއްލަދޫއާއި ވަށަފަރެވެ. މި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ވަށަފަރެވެ.

އުތީމާއި ވަށަފަރު ބައްދަލުކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހު ހަވީރު މާރަންދޫ ފުޓްސަލް ދަނޑުގައެވެ.

މިއީ ހއ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ތިލައުތުރު ފުޓްސަލް މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ. މިދިޔަ އަހަރު ފުރަތަމަ މުބާރާތް ބާއްވާފައި ވަނީ އުތީމުގައެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 30000 (ތިރީސްހާސް) ރުފިޔާ، ރަނަރަޕް ޓީމަށް 15000 (ފަނަރަހާސް) ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 10000 (ދިހަހާސް) ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ވެސް ގިނަ ވަނަތަކެއް ހޮވައި އިނާމް ދިނުމަށް ވަނީ ހަމަޖެހިފައެވެ