ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީ ކުރުމަށް ފަށާފައިވާ މަޝްރޫޢު ނިންމަން، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިން 1.2 ބިލިއަން ރުފިޔާ ރާއްޖެއަށް ދޭން ނިންމާފައިވާ ކަމަށް އިންތިޚާބީ ރައީސްގެ އޮފީހުން ވިދާޅުވެއްޖެއެވެ.

އިންތިޚާބީ ރައީސް އޮފީހުގެ ފަރާތުން އިންތިގާލީ ކޮމިޓީގެ، ތަރުޖަމާން މުހައްމަދު ފިރުޒުލް އަބްދުالله ހަލީލް މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ، މި ހަފުތާގައި އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ޔޫއޭއީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގައި ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއު ނިންމަން ބޭނުންވާ ފައިސާ ހަމަޖައްސައިދެއްވުމަށް އެ ގައުމުގެ ސަރުކާރުގައި އެދިވެޑައިގެންނެވި ކަމަށެވެ.

Ad
rt

ރާއްޖޭގެ އިގްތިސާދަށް މިވަގުތަށް އެންމެ މުހިއްމު މަޝްރޫއުއަކީ އެއާޕޯޓު މަޝްރޫއު ކަމަށް ވާތީ، އެ މަސައްކަތް އަވަހަށް ނިންމުމަށް ބޭނުންފުޅުވެގެން ޔޫއޭއީ ސަރުކާރުގައި އިންތިޚާބީ ރައީސް އެހީތެރިކަމަށް އެދިވަޑައިގަތުމުން، އެ މަޝްރޫޢުއަށް އެ ގައުމުގެ އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 79.8 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) މިހާރު ހަމަޖައްސައިދީފައިވާކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް މިއަދު ފާހަގަކުރެއްވި ގޮތުގައި ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއު ދިގުލައިގެންގޮސް، ޑިޒައިނަށް ގެނައި ބަދަލުތަކާ އެކު، އެ މަޝްރޫއު ނިންމުމަށް އިތުރަށް 79.80 މިލިއަން ޑޮލަރު ވަނީ ހޯދަން ޖެހިފައެވެ.

"މި ފައިސާ ހަމަޖެހިގެން ދިއުމާ އެކު އެއާޕޯޓު މަޝްރޫއު ނިންމުމަށް ބޭނުންވާ ހުރިހާ ފައިސާއެއް ހަމަޖެހިގެން ދިޔައީ،" ފިރުޒުލް މިއަދު ވިދާޅުވެފަވެއެވެ.

މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިންތިޒާމްކޮށްގެން، މިދިޔަ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭ ބޭއްވި ދިވެހި ވިޔަފާރިވެރިން ބައިވެރިވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އިންތިޚާބީ ރައީސް މުއިއްޒު ވަނީ އެއާޕޯޓުގެ މަސައްކަތް އަވަހަށް ނުނިމޭނެ ކަމުގެ މައުލޫމާތު ޓްރާންސިޝަން މަރުހަލާގައި ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި މިހާރު އެ މަސައްކަތް ހިނގާގޮތުން އެތަން ނިމޭނީ 2025 ވަނަ އަހަރުގެ ޖުލައިހާ ތާގައި ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

އެ މަސައްކަތް އެހާ ދިގުލައި ނުނިމި އޮތުމަކީ ގަބޫލު ކުރެވެ ކަމެއްނޫން ކަމަށާއި، އެއާޕޯޓުގެ މަސައްކަތް އެއަށްވުރެ އަވަސްކުރަން ބޭނުންވާ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މި ފެށޭ 2024 އަހަރުގެ ސެޕްޓެމްބަރަށް އެންމެ ލަސްވެގެން މަސައްކަތް ނިންމުމަކީ އަމާޒެއް ކަމަށް ވިދާޅުވިއެވެ.

"ޔަގީންކަން އެބަ އޮތް އަޅުގަނޑުމެންނަށް، މިކަމާ ގުޅޭ ހުރިހާ ފަރާތްތަކާ ގުޅިގެން ކުރެވޭ މަސައްކަތުގައި އަދި ތިބޭފުޅުން (ވިޔަފާރިވެރިން) އެކަމުގައި ދެއްވާނެ ތަރުހީބާއި ސަޕޯޓާއެކީގައި މިކަން ކާމިޔާބުވާނެ،" މުއިއްޒު ވިދާޅުވެފަވެއެވެ.

ވީއައިއޭ ތަރައްގީ ކުރުމަށް ފަށާފައިވާ މަޝްރޫޢު ރައީސް ޔާމީންގެ ދައުރުގައި ފަށާފައިވާ މަޝްރޫޢު އެކެވެ.