ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކަނބަލުންނަށް ހާއްސަކޮށްގެން އެ ރަށުގައި ކުރިއަށް ގެންދާ ވޮލީ ކޭމްޕް ފަށައިފިއެވެ.
މި ކޭމްޕަކީ ކްލަބް ޖީއެސް އިން އިންތިޒާމްކޮށް ހޯރަފުށީ ޕޮލިހާއި އެ ރަށު ކައުންސިލް، ޑަބްލިއުޑީސީ، ކްރައިމް ޕްރެވެންޝަން އެންޑް ޕަބްލިކް އެފެއާޒްގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ކޭމްޕެކެވެ.
ޖުމްލަ 47 ބައިވެރިންނާއިއެކު ހޯރަފުށީ ވޮލީ ކޯޓުގައި އިއްޔެ މި ކޭމްޕް ފަށާފައިވާއިރު، ކޭމްޕެ މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.
މި ކޭމްޕް ކުރިއަށް ގެންދިޔުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގައި ވޮލީބޯޅައަށް ޝައުގުވެރިވާ ފަރާތްތަކުގެ މެދުގައި ވޮލީގެ ހުނަރު އިތުރުކޮށް، ރަނގަޅު ފެންވަރުގެ ކުޅުންތެރިންނަށް ވުމުގެ ފުރުސަތު ހޯދައި ދިނުމުގެ އިތުރުން ކޭމްޕްގެ ތެރެއިން ކުޅުންތެރިންގެ ގާބިލުކަން އިތުރުވެގެން ދިޔުމެވެ.
މި ކޭމްޕްގެ އިންސްޓްރަކްޓަރ ހަމަޖައްސާފައި ވަނީ ފުލުހުންގެ ފަރާތުންނެވެ. މިގޮތުން މި ކޭމްޕްގައި ބައިވެރިންނަށް ސެޝަންތައް ކުރިއަށް ގެންގޮސްދެނީ ދާއިރާގެ ތަޖުރިބާ ލިބިފައިވާ މާއްޓޭ ކޯޗެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!