ހދ. އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ ”ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2023" އެ އަތޮޅު ވައިކަރަދޫގައި އިއްޔެ ފަށައިފިއެވެ.
އަންހެން އަދި ފިރިހެން ޑިވިޝަން ހިމެނޭ ގޮތަށް ކުރިއަށް ގެންދާ މި މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ކުޅެފައިވަނީ އަންހެން ބައި ގެ މެޗެކެވެ. އެ މެޗުގައި ބައްދަލު ކޮށްފައި ވަނީ ޓީމް ހަނިމާދޫއާއި ނޭކުރެންދޫ ވިމެންސް ވޮލީ ޓީމެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްފައި ވަނީ ހަނިމާދޫއިންނެވެ. މި މެޗުގެ ސެޓްތައް ހަނިމާދޫއިން ގެންގޮސްފައި ވަނީ (25/17، 25،16، 25/13) އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ޓީމް ހަނިމާދޫގެ ޖޯޒީ ނަމްބަރ 4، ހައްވާ ރާޝިދާއެވެ.
ފިރިހެން ބައިގެ ފުރަތަމަ މެޗު ރޭ ކުޅެފައިވާއިރު އެ މެޗުގައި ބައްދަލު ކޮށްފައި ވަނީ ޓީމް ހަނިމާދޫއާއި ޓީމް ނައިވާދޫއެވެ. އެ މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްފައި ވަނީ ހަނިމާދޫ އިންނެވެ. މި މެޗުގެ ސެޓުތައް ހަނިމާދޫއިން ގެންގޮސްފައި ވަނީ (25/17، 25/21، 25/22) އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ޓީމް ހަނިމާދޫގެ ޖޯޒީ ނަމްބަރ 9، ޝާހް އިސްމާއިލްއެވެ.
މުބާރާތުގެ ބައިވެރިވާ ޓީމުތަކަށް ވައިކަރަދޫން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައި،
މި މުބާރާތުގައި މިއަދު ވެސް ދެ މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރާނީ ކުޅުދުއްފުށީ ހިރަފުސް ސްޕޯޓްސް ކުލަބާއި ނޮޅިވަރަންފަރު ލައިކަންއެވެ. މިއީ އަންހެން ބައިގެ މެޗެކެވެ. މިރޭ ފިރިހެން ބައިގައި ބައްދަލުކުރާނީ ކުޅުދުއްފުށީ ކްލަބް ކޮރަލްސްއާއި ވައިކަރަދޫ ވިޔެސްއެވެ.
މި މުބާރާތުގެ އަންހެން ފަސް ޓީމް ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ނޮޅިވަރަންފަރު ލައިކަން، ޓީމު ހަނިމާދޫ، ނޭކުރެންދޫ ވިމެންސް ވޮލީ ޓީމް، ވައިކަރަދޫ ޓީމް ވިޔެސްގެ އިތުރުން ކުޅުދުއްފުށި ހިރަފުސް ސްޕޯޓްސް ކުލަބެވެ.
މި މުބާރާތުގެ ފިރިހެން ބައިގައި ބައިވެރިވެފައި ވަނީ ހަތަރު ޓީމަކުންނެވެ. އެ ޓީމްތަކަކީ ޓީމް ހަނިމާދޫ، ވައިކަރަދޫ ވިޔެސް ވޮލީ ޓީމް، ކުޅުދުއްފުށި ކުލަބް ކޮރަލްސްގެ އިތުރުން ޓީމް ނައިވާދޫއެވެ.
މި މުބާރާތުގެ ކޮންމެ ޑިވިޝަނަކުން ޗެމްޕިއަންކަން ހޯދާ ޓީމަކަށް 35000 (ތިރީސް ފަސް ހާސް) ރުފިޔާ އަދި ކޮންމެ ޑިވިޝަނަކުން ރަނަރަޕް ހޯދާ ޓީމަކަށް 15000 (ފަނަރަހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!