ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އުމުރުން 22 އަހަރުގެ ބްރެޒިލްގެ ހުނަރުވެރު ފޯވާޑް ރޮޑްރިގޯ، އެ ޓީމާއިއެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފިއެވެ.
ރޮޑްރިގޯ ރެއާލާއި ގުޅިފައި ވަނީ އޭނާގެ އުމުރުން 18 އަހަރުގައި ބްރެޒިލްގެ ސަންޓޯސްއިންނެވެ. ރެއާލާއިއެކު އޭނާ ހަދާފައިވާ އައު އެއްބަސްވުމުގެ ދަށުން 2028 ވަނަ އަހަރުގެ ސީޒަންގެ ނިޔަލަށް އޭނާ އެ ޓީމްގައި މަޑުކުރާނެއެވެ.
ރޮޑްރިގޯ މިހާތަނަށް ރެއާލަށް 179 މެޗު ވަނީ ކުޅެފައެވެ. އެ މެޗުތަކުގައި އޭނާ ވަނީ 39 ލަނޑު ޖަހާފައެވެ. ބްރެޒިލްގެ ގައުމީ ޓީމަށް މިހާތަނަށް 18 މެޗު އޭނާ ވަނީ ކުޅެފައެވެ. 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ބްރެޒިލް ޓީމްގައި ހިމެނިގެން އޭނާ ވަނީ ކުޅެފައެވެ.
ރެއާލާއިއެކު އޭނާ ވަނީ ސްޕެނިޝް ލަލީގާއާއި، ކޮޕަ ޑެލް ރޭ އާއި، ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަ ކަޕްގެ އިތުރުން ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކޮށްފައެވެ.
މި ހަފްތާގެ ކުރީކޮޅު ބްރެޒިލްގެ ވިންގަރ ވިނީސިއަސް ވެސް ވަނީ ރެއާލާއިއެކު ހަދާފައިވާ އެއްބަސްވުން އައުކޮށް 2027 ވަނަ އަހަރުގެ ސީޒަންގެ ނިޔަލަށް އެ ޓީމުގައި މަޑުކުރަން ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!