ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ "ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445" އަށް އެ އަތޮޅުން ބޮޑު ތަރުހީބެއް ލިބިފައިވާކަމުގައި މިޑްލް ސްޕޯޓްސް ކުލަބުން ހާމަކޮށްފިއެވެ.

މި މުބާރާތަކީ ފާއިތުވި ދެ އަހަރު ރަމަޞާން މަހު ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުގެ ފަރާތުން "ދިއްދޫ އެންމެ އަލިގަދަތަރި" ނަމުގައި ކުރިއަށް ގެންގޮސްފައިވާ މުބާރާތެކެވެ. އެ ދެ އަހަރު މި މުބާރާތް ހާއްސަ ކޮށްފައި ވަނީ ދިއްދޫގައި ދިރިއުޅޭ ފަރާތްތަކަށެވެ. ނަމަވެސް މި އަހަރު މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އެ ކުލަބުން ވަނީ މުޅި ހއ.އަތޮޅަށް ހުޅުވާލާފައެވެ.

Ad
rt

މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މި މަހުގެ 30 ވަނަ ދުވަހު ހަމަވިއިރު، އޮޑިޝަންގައި ވަނީ ޖުމްލަ 46 ފަރާތަކުން ބައިވެރިވެފައެވެ.

މި މުބާރާތަށް ބައިވެރިން ހޮވުމަށް ބާއްވާ އޮޑިޝަނ އަންނަ ޑިސެމްބަރ މަހުގެ 15 ވަނަ ދުވަހާއި 16 ވަނަ ދުވަހު، ބޭއްވުމަށް ހަމަޖެހިފައި ވަނީ ދިއްދޫގައެވެ. މި މުބާރާތުން ޖާގަ ދިނުމަށް ހަމަޖެހިފައި ވަނީ އޮޑިޝަނުން އެންމެ ރަނގަޅު ނަތީޖާ ހޯދާ 20 ބައިވެރިންނަށެވެ.

މުބާރާތުގެ ބައިވެރިންގެ ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ކީރިތި ޤުރުއާން ފަރިތަކަމާއިއެކު ބަލައިގެން ކިޔަން އެނގުމާއި ޚަތިމުގެ އެންމެ ފަހަތު ތިންފޮތް (30،29،28) ނުބަލާ ކިޔަން އެނގުން ހިމެނެއެވެ. މުބާރާތުގެ އޮޑިޝަންގައި ކޮންމެ ބައިވެރިއަކަށް ވެސް ބަލައިގެން ކިޔުމުގެ ބައިން އެއް ސުވާލާއި ނުބަލާ ކިޔުމުގެ ބައިން ދެ ސުވާލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތް ސްޕޮންސަރ ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އަދިވެސް އެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. ސްޕޮންސަރުންގެ ގޮތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން (7656766) މި ނަމްބަރަށް ގުޅައިގެން ކުރިއަށް ގެންދިއުމަށް މިޑްލް ސްޕޯޓްސް ކްލަބްގެ ފަރާތުން އެދި ލައްވައެވެ.

ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ އެއްވަނައަށް ތިން އުމްރާ ދަތުރު

މި މުބާރާތް ބޭއްވުމަށް ތާވަލު ކޮށްފައި ވަނީ އަންނަ ރަމަޟާން މަހުއެވެ. މުބާރާތަށް ހޮވޭ ބައިވެރިންގެ ހުރުމާއި ކެއުމުގެ އިތުރުން އާރުޓީއެލް ފެރީގެ ޓިކެޓް، އިންތިޒާމް ކުރާ ފަރާތުން ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ.

މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެ އަތޮޅުގައި ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމާއި ތަޖުވީދުގެ ހަމަތަކާއި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ޤުރުއާން ކިޔަވަން ދަންނަ ބަޔަކު އަތޮޅުގައި އުފެއްދުމާއި ޤުރުއާން އުނގެނުމާއި އުނގައްނައި ދިނުމާއި ތަރުތީލުކޮށް ކިޔެވުމުގެ ގާބިލްކަން އުފެދޭނޭފަދަ ވާދަވެރި މާހައުލެއް އުފެއްދުމާއި ޤުރުއާން ހިތުދަސް ކުރުމުގެ ރޫހް ރަށަގެންނެވުމުގެ އިތުރުން ޤުރުއާނުގެ އެކި ފަންނުތަކަށް އަހުލުވެރި ކުރުވުމެވެ. އެ އަތޮޅުގައި ހާފިޒުން އުފެއްދުމާއި ރާއްޖެއާއި ރާއްޖެއިން ބޭރުންލިބޭ ޤުރުއާން މުބާރާތްތަކުގައި އެ އަތޮޅު ތަމްސީލްކުރާނޭ ދަރިންތަކެއް ތައްޔާރު ކުރުމަކީ ވެސް މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަގުސަދެކެވެ.

މިޑްލް ސްޕޯރޓްސް ކުލަބު ރަޖިސްޓްރީ ކޮށްފައި ވަނީ 9 ޖޫން 2016 ގައެވެ. އެ ޖަމިއްޔާއަކީ ދިއްދޫގެ ކުރިއެރުމަށް އެކި ދާއިރާތަކުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމިއްޔާއެކެވެ. މިގޮތުން ކުޅިވަރާއި ރަށުގެ އިޖްތިމާއީ، ދީނީ އަދި ތައުލީމީ ގޮތުން އެކި ޙަރަކާތް އެ ޖަމިއްޔާއިން އަންނަނީ ހިންގަމުންނެވެ.