ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާ ކޮށްދިނުމަށް އެމްޑީޕީން އެދިއްޖެއެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ނުކޮށް މާދަމާގެ ޖަލްސާއަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި މި އަހަރުގެ ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅަން ވަނީ އެޖެންޑާކޮށްފައެވެ. އެމްޑީޕީން ތަކުރާރުކޮށް ބުނަމުން ދަނީ ނަޝީދުގެ މައްސަލައާ މެދުގައި ގޮތެއް ނުނިންމައި އިތުރު ކަމެއް މަޖިލިހުގައި ނުކުރެވޭނެ ކަމަށެވެ. އެމްޑީޕީން ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ނިންމައި މަޖިލިހަށް ހުށަހެޅީ 49 މެމްބަރުންގެ ސޮޔާއެކުގައެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ އަށް މިއަދު ފޮނުއްވި ސިޓީގައި ނަޝީދުގެ މައްސަލަ ހިމަނައި އެޖެންޑާ އިސްލާހު ކޮށްދިނުމަށް އެދިވަޑައިގެންފައިވެއެވެ.
ނަޝީދުގެ މައްސަލައަކީ ނޯޓިސް މުއްދަތު ހަމަވެފައިވާ މައްސަލައަކަަށް ވާއިރު، މަޖިލީހުގެ ގަވައިދުގައިވާ ގޮތުން އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހެއްގައި ބާއްވާ ޖަލްސާގައި އެ މައްސަލަ އެޖެންޑާ ކުރަން ޖެހޭނެ ކަމަށް އެ ސިޓީގައިވެއެވެ.
މިދިޔަ އާދިއްތަ ދުވަހު އަދި މިއަދު ވެސް އެ މައްސަލަ އެޖެންޑާކުރީ އެ އުސޫލުގެ ދަށުން ކަމަށް ވާއިރު، މާދަމާ އަށް ވެސް މައްސަލަ އެޖެންޑާ ކުރަންޖެހޭނެ ކަމަށް އަސްލަމްގެ ސިޓީގައިވެއެވެ. އަދި މިއަދުގެ ޖަލްސާ ކެންސަލްކުރީ ގަވައިދުގެ ކޮން މާއްދާއަކުން ކޮން ބޭފުޅަކު އަންގަވައިގެންތޯ ސާފުކޮށްދިނުމަށް ވެސް އަސްލަމްގެ ސިޓީގައި އެދިވަޑައިގަތެވެ.
ނަޝީދު ވަކި ކުރުމުގެ މައްސަލަ މިއަދާއި އިއްޔެ އެޖެންޑާ ކުރި ނަމަވެސް ޖަލްސާ އަށް މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމް ވިދާޅުވެފައިވާތީ ޖަލްސާ ކުރިއަށް ގެންދެވޭނެ ގޮތެއް ނެތް ކަމަށް ބުނެ ޖަލްސާ ވަނީ ނިންމާލައިފައެވެ. އެކަމަކު، އެމްޑީޕީގެ މެމްބަރުން ގަބޫލު ކުރާ ގޮތުގައި މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވެއްޖެ ހާލަތެއްގައި އެ ޒިންމާ އަދާ ކުރާނެ ފަސް މެމްބަރަކު ކަނޑައަޅަން ގަވާއިދުގައި ބުނެފައި އޮތް މާއްދާގެ ދަށުން އެ ޖަލްސާ ހިންގޭނެ ކަމަށެވެ.
ނަޝީދު ވަކި ކުރުމަށް ހުށަހަޅާފައި އޮތް ގަރާރުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް އެމްޑީޕީން ވަނީ އިއްޔެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފައެވެ. އެ މައްސަލަ މިހާރު ވަނީ އެ ކޯޓަށް ބަލައިގަނެފައެވެ.
މަޖިލީހުގެ ނާއިބު ރައީސް ހާޒިރުނުވާ ހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ވާ ގޮތުގެ މަތީން މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނޭ މީހަކު ކަނޑައަޅައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ޖަލްސާ ކުރިއަށް ގެންދަންޖެހޭނޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި ދިނުމަށް އެ މައްސަލާގައި އެމްޑީޕީން އެދިފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!