ހއ. ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުލްލަތީފު މުހައްމަދު (ލަތީފްބެ) އެ ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރަން ނިންމަވައިފިއެވެ.
އަންނަ މަޖިލިސް އިންތިޚާބުގައި ލަތީފް ދިއްދޫ ދާއިރާއަށް ވާދަކުރުމަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓް ހޯދުމަށް ޕްރައިމަރީއަށް ތައްޔާރުވަމުން އަންނަކަން އޭނާގެ ޢާއިލީ މީހަކު ކަށަވަރުކޮށްދީފައެވެ.
އަންނަ ދައުރަށް މަޖިލީހަށް ކުރިމަތިލުމުގެ މަސައްކަތް ލަތީފް ފަށާފައިވާއިރު، އޭނާ ދިއްދޫ ގޮނޑިއަށް ވާދަކުރަނީ ވަރަށް ގިނަ ސަޕޯޓަރުންނާއި ރަށުގެ ރައްޔިތުންކުރެ ގިނަ ބަޔަކު އެކަމަށް އެދޭތީ ކަމަށް ވެސް އޭނާ ބުނެފަވެއެވެ.
''ލަތީފްގެ ދައުރަކީ މިރަށް ބަދަލުކޮށްލި ދައުރެއް، މަގުތަކުން ފެށިގެން ބަލައިލީމަ ރަށަށް ލަތީފް ކޮށްދިން އުމުރާނީ ތަރައްގީގެ މަސައްކަތްތައް ފެންނަން އެބަހުރި، ލަތީފް އަކީ މިރަށު ގޮނޑީގައި އިންނަންޖެހޭ ބޭފުޅެއް'' ލަތީފްގެ ސަޕޯޓަރަކު ބުންޏެވެ.
އެރަށުގެ ޒުވާނަކު ބުނިގޮތުގައި ލަތީފް އަކީ ''ދިއްދޫ ޒުވާނުންގެ ލަތީފްބެ'' އެވެ. އަދި ލަތީފް ގޮނޑިއަށް އަތުވެއްޖެނަމަ ޒުވާނުން ހެއްވާލާނެ ކަމަށް އޭނާ ބުނެފަވެއެވެ.
18 ވަނަ މަޖިލީހުގެ ދިއްދޫ ގޮނޑި އަމިއްލަގޮތުން ކާމިޔާބު ކުރެއްވި ލަތީފް ވަނީ އެ ދައުރުގެ ކުރީކޮޅު އޭރު ވެރިކަމުގައި އޮތް ޕީޕީއެމާ ގުޅިވަޑައިގެންފައެވެ.
ލަތީފް އަކީ އިންތިޚާބީ ރައީސް ޑރ. މުޢިއްޒަށް ވެރިކަން ކާމިޔާބުކޮށްދިނުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި މުޢިއްޒު ވަރަށް އިތުބާރުކުރައްވާ ބޭފުޅެއްކަމަށް އެރަށުން ވާހަކަދެއްކި ބައެއް ސަޕޯޓަރުންބުންޏެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ބޭއްވޭނީ 2024 މާޗު މަހުގެ ފަހުކޮޅު ނުވަތަ އޭޕްރީލްމަހުގެ ކުރީކޮޅުގައި ކަމަށް ވިދާޅުވެފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ބާއްވާނެ ތާރީޚެއް މިފެށޭ ނޮވެމްބަރު މަހުގެ ތެރޭގައި ކޮމިޝަނުން ޢާންމު ކުރުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށް ވެސް އީސީން ވަނީ ވިދާޅުވެފައެވެ.
މިހާރު މިހިނގާ 19 ވަނަ މަޖިލީހުގެ (2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ) އިންތިޚާބު ބާއްވާފައި ވަނީ ބޭއްވިފައިވަނީ 2019 އޭޕްރިލް 6 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!