ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ މައްސަލަ އެޖެންޑާކޮށް މިއަދު ކުރިއަށް ގެންދަން ތާވަލުކުރި ރައްޔިތުންގެ މަޖިލިސްގެ ޖަލްސާ ކެންސަލްކޮށްފައިވާއިރު އެ މައްސަލަ މަޖިލީހަށް ވެއްދި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ގިނަ މެންބަރުންތަކެއް އަދިވެސް ތިއްބެވީ މަޖިލީހުގެ ތަޅުމުގައި ކަމަށާއި، މާދަމާއަށް ޖަލްސާ އެޖެންޑާ ކުރިއަސް ބޭނުންވަނީ އެ ޖަލްސާ ކުރިއަށް ގެންދެވޭނެކަމުގެ ޔަގީންކަން ކަމަށް އޭގެ ތެރެއިން ބައެއް މެންބަރުން ވިދާޅުވެއްޖެއެވެ.
މިވަގުތު މަޖިލިސް ޗެމްބަރ ތެރޭގައި ތިއްބެވި އެމްޑީޕީގެ ބައެއް މެންބަރުން ''ތިލަދުން'' އާއި ވާހަކަ ދައްކާފައިވާއިރު، އެ މެންބަރުން ވިދާޅުވަނީ ނަޝީދު ވަކިކުރުމުގެ ޖަލްސާ ކުރިއަށް ގެންދެވޭނެ ގޮތެއް މަޖިލީހުގެ އަމީން އާންމު ދައްކަވައިދޭން ޖެހޭނެކަމަށެވެ.
އެ މެންބަރުން ވިދާޅުވީ، މަޖިލީހަކީ ދައުލަތުގެ އެއްބާރު ކަމަށާއި، އެ ބާރު ހުއްޓިފައި އޮވެގެން ނުވާނެކަމަށެވެ. އަދި މަޖިލިސް ނައިބު އީވާ ސަލާމްގައި ހުންނެވިޔަސް ޖަލްސާބޭއްވޭނެ ގޮތެއް އޮންނަންވާނެ ކަމަށް ވިދާޅުވިއެވެ.
''އީވާ ޑެންގޫއަށް ޕޮޒިޓިވިކަމަށް ވަނީ، އޭގެފަހުން ވެސް ދެ ދުވަހަކު މަޖިލިސްއަށް ވަޑައިގެން ރިޔާސަތު ވެސް ބެލެހެއްޓެވި، ދެން މިއަދު ވެސް އެކަމާގުޅުވައި ވަޑައިނުގެންނެވޭކަމަށްވާނަމަ އެއީ ގަބޫލުކުރެވޭނެކަމެއްނޫން، މިއީ ދައުލަތުގެ އެއްބާރު، ޖަލްސާ ކުރިއަށް ގެންދެވެންޖެހޭނެ، އެޖެންޑާ ކުރުމަކުން ނުފުދޭ، ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ވެސް ބޭނުންވޭ، ހައްލު ހޯދަން މިތިބީ ކޯޓަށް ވެސް މައްސަލަ ވައްދަން'' މަޖިލިސް ތަޅުމުގައި ހުންނަވައި ކެލާ ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ) އިބްރޭ ވިދާޅުވިއެވެ.
އެ މެންބަރުން ވިދާޅުވީ، މަޖިލިސްގެ ގަވާއިދު ބުނާގޮތުން ދެން މަޖިލިސްގެ ޖަލްސާ ބޭއްވޭނީ މަޖިލިސްގެ ރައީސްގެ އިތުބާރުގެ މައްސަލަ ނިންމައިގެންކަމަށްވީއިރު، މަޖިލިސް ގަވާއިދުގައި އަކުރުން އަކުރަށް ނެތްކަމަކު މަޖިލިސް ހުއްޓި، ގާނޫނީ ހުސްކަމަކަށްދާން ފުރުސަތު ނުދެވޭނެކަމަށެވެ. އަދި އެކަމަށް ހައްލު ގަވާއިދުން ހޯދޭނެކަމަށް ދެކިވަޑައިގަންނަވާކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވިއެވެ.
އީވާ ސަލާމް ފޮނުވުމުން ކެންސަލްވި ޖަލްސާ މާދަމާއަށް އެޖެންޑާ ކުރަނީ
ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދު މަގާމުން ވަކިކުރުމަށް އެމަނިކުފާނުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދަން މިއަދު އެޖެންޑާކޮށް ކުރިއަށް ނުގެންދެވުނު ޖަލްސާ، މާދަމާއަށް އެޖެންޑާ ކުރައްވާނެ ކަމަށް މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާ ވަނީ މިއަދު ވިދާޅުވެފައެެވެ.
މަޖިލީހުގެ ޤަވާއިދުގެ 205 ވަނަ މާއްދާގެ (ބ)ގައި ބަޔާންކޮށްފައިވާގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލާގައި މަޖިލީހުގެ ރައީސް ވަކިކުރަން ޤަރާރެއް މަޖިލީހަށް ހުށަހަޅަންޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް ބުނެފަވެއެވެ. ނަމަވެސް އެފަދަ ޖަލްސާއަކަށް ނައިބު ރައީސަށް ވެސް ހާޒިރު ނުވިވިއްޖެނަމަ ދެން ކަންކުރާނެގޮތެއް އެ ގަވާއިދުގައި ސާފުކޮށް ލިޔެފައެއް ނުވެއެވެ. ނަމަވެސް މަޖިލީހުގެ ގަވާއިދުގައި މަޖިލީހުގެ ރައީސްގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އާއި އަދި ގަވާއިދުގައި ބަޔާންކުރާ އިތުރު މެންބަރުންނަށް މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓޭނެ ހަމައެއް ބަޔާންކޮށްފަ އޮވެއެވެ. މިގޮތުން މަޖިލީހުގެ ރައީސާއި، ނައިބު ރައީސް މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވެއްޖެ ހާލަތެއްގައި، އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ މެންބަރުން ޤާނޫނުއަސާސީއާއި އެއްގޮތްވާގޮތުގެ މަތީން މަޖިލީހުގެ ރައީސް ކަނޑައަޅަންވާނެ ކަމަށް އޮވެއެވެ. އަދި މިގޮތުން ކަނޑައަޅަންވާނީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރި ފަސް މެންބަރުން ކަމަށް ގަވާއިދުގައި ބުނެއެވެ. އެ ގޮތައް މެންބަރުން ކަނޑައަޅާފައިވީނަމަވެސް މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލައާއިގުޅިގެން މިކަން ސާފުކޮށް ބަޔާންކޮށްފައިނުވާތީ، މިހަމަ، މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލަ ހިންގޭ ޖަލްސާއެއްގައި ހިފެހެއްޓިދާނެކަން ނުވަތަ ނޫންކަމުގެ ޤާނޫނީލަފާ ދެއްވާނީ މަޖިލީހުގެ ކައުންސެލް ޖެނެރަލްއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!