ސަރުކާރުން ހުޅުވައިލާފައިވާ ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ދެވަނަ ބުރުގެ މުއްދަތު ހަމަވި އިރު، ފްލެޓަށް 21،000 އަށްވުރެ ގިނަ ފޯމު އަދި ގޯއްޗަށް އެދި 19،000 އަށްވުރެ ގިނަ ފޯމު ހުށަހަޅައިފިއެވެ.
މި މުއްދަތު ހަމަވެފައިވަނީ މިއަދު މެންދުރު ފަހު 3 ޖެހިއިރުއެވެ.
އެ ސްކީމްތަކުގެ ދެވަނަ ބުރުގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް ކުރިމަތިލާން ހުށަހެޅީ 21،247 ފޯމު ހުށަހަޅާފައިވާއިރު، ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ކުރިމަތިލާން 19،347 ފޯމު ވަނީ ހުށަހަޅާފައެވެ.
ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ފުރަތަމަ ބުރުގައި ވެސް ފްލެޓާއި ގޯއްޗަށް 20،000 އަށް ވުރެ ގިނަަ މީހުން ކުރިމަތިލީއިރު، އޭގެ ތެރެއިން ޝަރުތު ހަމަވެގެން ގޯތި ލިބުނު މީހުންގެ ދާއިމީ ލިސްޓުގައި ހިމެނުނީ 18،955 މީހެކެވެ. އަދި 20،000 މީހުން ފްލެޓަށް ހުށަހެޅިއިރު، ޝަރުތު ހަމަވާ އެންމެންނަށް ފްލެޓް ދޭން ސަރުކާރުން ވަނީ ނިންމާފައެވެ.
އެހެންނަމަވެސް އެއީ ކިހާ އަދަދެއްގެ މީހުން ކަމެއް އަދިހާމައެއް ނުކުރައްވައެވެ.
މި ފަހަރު ގޯއްޗަށް ކުރިމަތިލެވޭ ޝަރުތެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މާލޭގެ ރަށްވެއްސަކަށްވުމާއި މާލޭގައި ދިރިއުޅޭތާ 20 އަހަރަށް ވުރެ ގިނަ ދުވަސް ވުމެވެ. އަދި ފްލެޓަށް ކަނޑައެޅީ މާލޭގައި ދިރިއުޅޭތާ 15 އަހަރަށް ވުރެ ގިނަ ދުވަސްވެފައި ވުމެވެ.
ބިންވެރިޔާ ސްކީމްގެ ފުރަތަމަ ބުރުގައި ގޯތި ލިބޭ މީހުންނަށް ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް މިހާރު ވެސް ކުރައްވަމުން ގެންދަވާއިރު، މިހައިތަނަށް ހިއްކާފައި ހުރި ބިންތަކުން ބައެއް މީހުންނަށް ވަނީ ގޯތި ކަނޑައި ދީފައެވެ.
އެ ސްކީމްގެ ދަށުން ހުޅުމާލެ 2، 3 އާއި ގުޅިފަޅު އަދި ގިރާވަރު ފަޅުން ގޯތި ދޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!